އަންނަ 2027 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި 6.8 އިންސައްތައަށް ކުރިއަރާނެ ކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާއިން އަންދާޒާކުރައްވައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް މިއަދު ބޭއްވި ޖަލްސާގައެވެ. މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ރިޔާސަތު ބެލެހެއްޓެވި މި ޖަލްސާގައި ބަޖެޓު ހުށައަޅުއްވަމުން މާލީ ވަޒީރު ޙަސަން ޒަމީރު ވިދާޅުވީ، ދުނިޔޭގެ އިޤްތިޞާދަށް ނަޒަރު ހިންގާއިރު ކުރިއަށް އޮތް އަހަރު ދުނިޔޭގެ އިޤްތިޞާދީ ދުވެލި ހުންނާނެކަމަށް ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ލަފާކުރަނީ 3.4 އިންސައްތައިގައި ކަމަށެވެ.
ފާއިތުވި އަހަރުތަކުގެ ހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، 2025 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި 6.3 އިންސައްތައިގައި ހުރިއިރު، އެ ވުޒާރާއިން ލަފާކޮށްފައިވަނީ އެ އަދަދު 5.3 އިންސައްތައިގައި ހުންނާނެ ކަމަށެވެ. ނަމަވެސް، މި ހިނގާ އަހަރު ކުރިމަތިލާން ޖެހުނު އިޤްތިޞާދީ ގޮންޖެހުންތަކާ ގުޅިގެން ޤައުމުގެ އިޤްތިޞާދީ ދުވެލި ބޮޑުތަނުން ދަށްވެފައިވާކަން ފާހަގަކުރައްވައި، 2026 ވަނަ އަހަރުގެ އިޤްތިޞާދީ ދުވެލި ހުންނާނެ ކަމަށް މިހާރު ލަފާކުރެވެނީ 0.6 އިންސައްތައާއި 1.8 އިންސައްތައާ ދެމެދުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެހެންނަމަވެސް، ކުރިއަށް އޮތް އަހަރަކީ އިޤްތިޞާދު އަލުން އާރާސްތުވެގެންދާނެ އަހަރެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ”ހަނގުރާމައިގެ ކުރީގެ ހާލަތަށް ރުޖޫއަވެ، 2027 ވަނަ އަހަރު އިޤްތިޞާދީ ދުވެލި 3.9 އިންސައްތައާ 6.8 އިންސައްތައާ ދެމެދުގެ ހަލުވިމިނެއްގައި ކުރިއަރައިގެންދާނެ ކަމަށް އަންދާޒާކުރެވޭ. އަދި އަންނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓު 1.0 އިންސައްތައިގައި ހުންނާނެކަމަށް ބެލެވޭ،“ ކަމަށެވެ.
މާލީ ވުޒާރާއިން ވިދާޅުވި ގޮތުގައި، 2027 ވަނަ އަހަރަށާއި އަދި މެދުރާސްތާއަށް ފިސްކަލް ސިޔާސަތުތައް ބައްޓަންކުރާނީ ރާއްޖޭގެ އިޤްތިޞާދީ އޮއިވަރު ހިނގާގޮތާއި، ފިސްކަލް ހާލަތަށް ފުންކޮށް ބަލައި ދިރާސާކުރުމަށް ފަހުގައެވެ.
އަންނަ އަހަރަށް ހުށައެޅުނު ބަޖެޓަކީ އިޤްތިޞާދީ ހަމަޖެހުމާއި، ދައުލަތުގެ މާލީ އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށް އިސްކަންދީގެން އެކުލަވާލާފައިވާ ބަޖެޓެކެވެ. މީގެއިތުރުން ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ އިންވެސްޓުމަންޓުތަކަށް އިސްކަންދީގެން، ޤައުމީ ތަޞައްވުރު ހަޤީޤަތަކަށް ހެދުމަށް މި ބަޖެޓުން މަގުފަހިވާނެ ކަމަށް ސަރުކާރުން ދެކެއެވެ.
މި ބަޖެޓުގައި ހިމަނާފައިވާ މުހިންމު ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ބިންގާ ވަރުގަދަވެގެންދާނެއެވެ. އަދި އާންމު ޚިދުމަތްތައް އިތުރަށް ފުޅާވެ، ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގިނަގުނަ ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމަށް މާލީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.