މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއަށް ޚާއްޞަކޮށްގެން ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ޚާއްޞަ އިސްކަމެއް ދީފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ރިޔާސަތު ބެލެހެއްޓެވި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުންނެވެ. ވަޒީރު ވިދާޅުވީ ދިވެހިރާއްޖޭގެ އިޤްތިޞާދީ މިނިވަންކަމާއި ރައްޔިތުންގެ ފުދުންތެރިކަން ކަށަވަރުކުރުމުގައި އެންމެ މުހިންމު ދެ ސިނާއަތަކީ މަސްވެރިކަމާއި ދަނޑުވެރިކަން ކަމަށެވެ.
މަސްވެރިކަމުގެ ސިނާއަތު އިތުރަށް ތަރައްޤީކުރުމަށް ރޭވިފައިވާ ކަންކަމަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، 2027 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އިތުރު 11,400 (އެގާރަހާސް ހަތަރުސަތޭކަ) ޓަނުގެ ކޯލްޑް ސްޓޯރޭޖް ޤާއިމުކުރުމުގެ މަޝްރޫޢުތައް ބާރަށް ކުރިއަށްދާނެ ކަމަށެވެ. މީގެއިތުރުން، މެރިކަލްޗަރ ފުޅާކުރުމަށް ސަރުކާރުން ރާވާފައިވާއިރު، މަސްވެރިންނަށް ބޭނުންވާ އައިސް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ ގޮތުން ދުވާލަކު އިތުރު 550 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ. މީގެ ތެރޭގައި ފަރުމަސްވެރިކަމަށް ޚާއްޞަކޮށްގެން ބަހައްޓާ އައިސްޕްލާންޓްތައްވެސް ހިމެނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، ހުޅުމާލޭގައި އަލަށް ޤާއިމުކުރުމަށް ހަމަޖެހިފައިވާ ބޮޑުކަންނެލި ޕެކިންގ ފެސިލިޓީގެ ސަބަބުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ސީދާ ބޭރު ފައިސާއިން އާމްދަނީ ހޯދުމުގެ ފަހި ފުރުޞަތުތަކެއް ތަނަވަސްވެގެންދާނެ ކަމަށްވެސް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.
ދަނޑުވެރިކަމުގެ ދާއިރާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ނުވަތަ ”ފުޑް ސެކިއުރިޓީ“ ކަށަވަރުކުރުމަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ މަސައްކަތްތައް ހަރުދަނާކުރުމަށް މި ބަޖެޓުގައި ބޮޑު އިސްކަމެއް ދީފައިވާނެ ކަމަށެވެ. އެގޮތުން، ރާއްޖޭގެ ފަސްގަނޑުގައި ފަސޭހަކަމާއެކު ހެއްދޭ ބާވަތްތައް ބޭރު ޤައުމުތަކުން އެތެރެކުރުން ހަރުދަނާ ނިޒާމެއްގެ ތެރެއިން ކޮންޓްރޯލްކުރެވިގެންދާނެ ކަމަށާއި، އޭގެ ސަބަބުން ދިވެހި ދަނޑުވެރިން ކުރާ ބުރަ މަސައްކަތުގެ އުފެއްދުންތަކަށް ހައްޤުވާ ހަމަ އަގު ފުރިހަމައަށް ކަށަވަރުވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.