ތުރުކީވިލާތުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބު އުރްދުޣާނަށާއި، ސަރުކާރަށާއި ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
މި މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ތުރުކީގެ ވެރިންނަށާއި ރައްޔިތުންނަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައިވެއެވެ. އަދި މި މުނާސަބަތަކީ ތުރުކީވިލާތުގެ ވިލުންތެރިކަމާއި އެއްބައިވަންތަކަން ހާމަކޮށްދޭ މުހިންމު ދުވަހެއްކަން ފާހަގަކުރައްވައި، މިއީ އެ ޤައުމުގެ ސިޔާދަތާއި، ތަރައްޤީ އަދި ޤައުމު ބިނާކުރުމުގެ އަސާސްތައް ދެމެހެއްޓުމުގައި ޤަރުނެއް ކަޑައްތުކޮށްފައިވާކަން ރަމްޒުކޮށްދޭ ދުވަހެއް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖެއާއި ތުރުކީއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، ހަރުދަނާވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މިއީ ދެ ޤައުމުގެ މެދުގައި އޮތް އިޙްތިރާމާއި، އެއްބާރުލުމާއި، ގާތް އެކުވެރިކަމުގެ ހެއްކެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، އަންނަ މަހު ތުރުކީވިލާތުގެ އަންތަލްޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް31 ގެ ހައި-ލެވެލް ސެގްމެންޓް ބައްދަލުވުމުގެ ހަވާސާގައި، ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރްދުޣާނާ ބައްދަލުވެވަޑައިގަންނަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ބައްދަލުވުމުގައި ދެ ޤައުމުގެ ދޭދޭ ގުޅުމުގެ ކުރިއެރުންތައް މުރާޖާކޮށް، ގުޅުން އިތުރަށް ބަދަހިކުރެވިދާނެ އައު ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެ ރައީސް ވަނީ މެސެޖު ނިންމަވާލައްވާފައެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ތުރުކީވިލާތާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަނީ އައު އުސްމިންތަކަކަށް ވާސިލްވެފައެވެ. އެގޮތުން ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވި ޤައުމުތަކުގެ ތެރޭގައި ތުރުކީވިލާތް ހިމެނެއެވެ. އެ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި މުހިންމު މަޝްވަރާތަކެއް ކުރެވުނުއިރު، ތުރުކީ ސަރުކާރުން ވަނީ ރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް އަސްކަރީ މަނަވަރެއްވެސް ހަދިޔާކޮށްފައެވެ. މީގެއިތުރުން، ދެ ޤައުމުގެ ދެމެދުގައި ކަނޑައެޅޭ ވަކި މުދާތަކަކުން ވިޔަފާރީގެ ލުއިފަސޭހަތައް ލިބިދޭ އެއްބަސްވުމެއް އެކުލަވާލައި، މިހާރު ވަނީ އެ އެއްބަސްވުމަށް ޢަމަލުކުރަންވެސް ފަށާފައެވެ.
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ރަސްމީކޮށް ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 1979 ވަނަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހުއެވެ.