ސްރީ ލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ސުޕަރ ކަޕް 2025 ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ސީނިއާ ފުޓްބޯޅަ ޓީމު، އެ މުބާރާތުގައި ބައިވެރިވުމަށް މިއަދު ހެނދުނު ލަންކާ އަށް ފުރައިފިއެވެ.
ޓީމު ފުރިއިރު، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުގެ އިތުރުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ކުޅިވަރު ވުޒާރާގެ އިސްވެރިން ވަނީ މާލޭ ބަސް ޓާމިނަލުން ކުޅުންތެރިންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ވަޒީރު އާއި އެފްއޭއެމްގެ އިސްވެރިން ވަނީ ޓީމަށް ކާމިޔާބީއެއް އެދިވަޑައިގެން ހިތްވަރުދެއްވާފައެވެ.
ލަންކާ މުބާރާތުގައި ރާއްޖޭން އެ ޤައުމާ ދެކޮޅަށް ނުކުންނާނީ މި މަހުގެ 6 ވަނަ ދުވަހާއި، 9 ވަނަ ދުވަހު އެވެ. މި ދެ މެޗު ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ކޮލަމްބޯގެ މަޝްހޫރު ރޭސް ކޯސް ފުޓްބޯޅަ ދަނޑުގައެވެ.

މި މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ސީނިއާ ޓީމުން ފަރިތަކުރުންތައް ފެށީ މިދިޔަ މަހުގެ 29 ގައެވެ. މި މެޗުތަކަށް ރާއްޖޭން ނެގި 26 ކުޅުންތެރިންގެ ސްކޮޑުގައި 21 އަހަރުން ދަށުގެ ހަތަރު ކުޅުންތެރިއަކު ހިމެނެއެވެ. އެގޮތުން، ޒުވާން ޤައުމީ ޓީމުގެ ދެ މުހިންމު ކުޅުންތެރިން ކަމަށްވާ މުޙައްމަދު އިލާން އިމްރާން އާއި ހަސަން ރާއިދު ވެސް މި ފަހަރުގެ ސްކޮޑުން ޖާގަ ހޯދާފައިވެއެވެ. މީގެއިތުރުން، އަނިޔާގެ ސަބަބުން ދުވަސްތަކަކަށް ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ގޯލްކީޕަރު، މުޙައްމަދު ފައިސަލް ވެސް ވަނީ މި ފަހަރުގެ ސްކޮޑުން ޖާގަ ހޯދައިފައެވެ.
ލަންކާ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ސީނިއާ ޓީމަށް އިރުޝާދު ދެއްވާނީ، ދާދިފަހުން ޤައުމީ ޓީމުގެ ކޯޗުގެ މަޤާމަށް ހަމަޖެއްސި މުޙައްމަދު ޝިޔާޒް (މޯހަން) އެވެ. އެ ޓީމުގެ އެސިސްޓެންޓް ކޯޗުންގެ ގޮތުގައި އަހުމަދު ޝާކިރު (ޝާކިއްޓެ) އާއި އަހުމަދު ސުޒެއިރު (ކޮއްކޮ) ވަނީ ހަމަޖައްސާފައެވެ. މި ޓީމާއެކު ގޯލްކީޕަރު ޓްރޭނަރުންގެ ގޮތުގައި ހަރަކާތްތެރިވަނީ ކުރީގެ ޤައުމީ ކީޕަރުން ކަމަށްވާ، އަސްލަމް އަބްދުއްރަހީމާއި އިމްރާން މުހައްމަދެވެ. ޓީމުގެ މެނޭޖަރަކީ ޓީސީ ސްޕޯޓްސް ކުލަބުގެ އަހުމަދު އައްބާސް އެވެ.
ދިވެހިރާއްޖޭގެ ފުޓްބޯޅަ އަށް މުހިންމު މި މުބާރާތުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ޓީމަށް ވަނީ ބޮޑު އުއްމީދެއް ކޮށްފައެވެ.