ހަރުދަނާ މުޖުތަމަޢެއް ބިނާކުރެވޭނީ ޢާއިލީ ގުޅުންތައް ވަރުގަދަކޮށްގެން: ހުކުރު ޚުޠުބާ

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ ”ޢާއިލީގުޅުން ހަރުދަނާކުރުމުގެ މުހިންމުކަން“ މި މަޢުޟޫއަށެވެ. މިއަދުގެ ޚުޠުބާގައި ވަނީ، އިންސާނީ މުޖުތަމަޢެއް ބިނާވެގެން އަންނަނީ ޢާއިލާތަކެއްގެ މައްޗަށް ކަމަށްވާއިރު، ހަރުދަނާ މުޖުތަމަޢެއް ޤާއިމުކުރެވޭނީ ޢާއިލާތައް ހަރުދަނާކުރެވިގެން ކަމަށް ބަޔާންކޮށްފައެވެ.

ހަމައެހެންމެ އިސްލާމްދީނުގައި ދަމަހައްޓާން އަންގަވައިފައިވާ ޢާއިލީ ގުޅުންތަކުގެ ތެރެއިން އެންމެ މުހިންމު ގުޅުމަކީ ރަޙިމުގެ ގުޅުން ކަމަށާއި ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ދުނިޔެމަތީގައި ރިޒުޤު ތަނަވަސްވެ، ޢުމުރުގައި ބަރަކާތްލެއްވުމަށް މެދުވެރިވާ ސަބަބެއް ކަމުގައިވާ ކަމަށް ފާހަގަ ކުރެެއްވިއެވެ.
ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، މިއަދު މުޖުތަމަޢުގައި އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ އަފުރާދުންގެ އަޚުލާޤީ ފެންވަރު ދަށަށްދާ ވާހަކައާއި، ޢާއިލީ ގުޅުންތައް ކެނޑި، ޢާއިލާތައް ރޫޅި ވިއްސިވިހާލިވަމުންދާ ވާހަކައެވެ. އަދި މިފަދަ ކަންކަން އިޞްލާޙުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަން ފާހަގަކުރައްވައި، އަޚުލާޤީ ފެންވަރު ދަށަށްދާ އެންމެ މައިގަނޑު އެއް ސަބަބަކީ ބޮޑުވަމުން އަންނަ ދަރީން ތަރުބިޔަތުކުރެވޭ ގޮތާއި އެ ކުދީންނަށް ދެވޭ ތަޢުލީމު ކަމަށް ވިދާޅުވިއެވެ.
”ކޮންމެ އިންސާނަކުމެ މި ދުނިޔެއަށް އުފަންވަނީ ފިޠުރަތުގެ ސާފުކަންމަތީގައެވެ. އިސްލާމްދީންމަތީގައެވެ. އިސްލާމްދީނުގައި ގާތްތިމާގެ ކަމުގެ ގުޅުން ބަދަހިކުރާން އަންގަވައެވެ. ނަމަވެސް އެ ކުއްޖާ އެކި ގޮތްގޮތަށް ބައްޓަންވަނީ އެ ކުއްޖާއަށް ދެވޭ ތަޢުލީމަކާއި ތަރުބިޔަތުންނެވެ. އެ ކުއްޖާ ގެންގުޅެ ބޮޑުކުރެވޭ ގޮތަކުންނެވެ،“ ޚުޠުބާގައި ވިދާޅުވިއެވެ.
މީގެއިތުރުން، ތުއްތު ކުދީން ބޮޑެތިވަމުން އަންނައިރު ދީނީ ކަންކަން ދަސްކޮށްދިނުމާ އެކު، މައިންބަފައިންނަށް ކަމޭހިތުމަށާއި، ގާތްތިމާގެ މީހުންނަކީ ކޮބައިކަން ބުނެދީ، ރަޙިމުގެ ގުޅުން ދެމެހެއްޓުމަށް ދަސްކޮށްދިނުމަކީ ބެލެނިވެރިންގެ ޒިންމާއެއްކަން ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ. އިސްލާމްދީނުގައި އެންމެ މުހިންމު އެއް ގުޅުމަކީ ރަޙިމުގެ ގުޅުން ކަމަށާއި، މި ގުޅުމަށް ނަންދެއްވާފައިވަނީ ﷲ ތަޢާލާގެ އިސްމުފުޅު ”الرَّحْمَـٰن“ އާ ގުޅުވައިގެން ކަމަށްވެސް ވިދާޅުވިއެވެ.
ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ދުނިޔެމަތީގައި ރިޒުޤު ތަނަވަސްވެ، ޢުމުރުގައި ބަރަކާތްލެއްވުމަށް މެދުވެރިވާ ސަބަބެއް ކަމަށާއި، މި ގުޅުން ކަނޑައިލުމަކީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ނުރައްކާތެރި ކަމެއްކަން ޚުޠުބާގައި އިންޒާރުކުރެއްވިއެވެ. އަދި ޢާއިލާއެއްގައި ދެމަފިރީންގެ އެންމެ އިސް މަސްއޫލިއްޔަތަކީ ދަރީންގެ ޙައްޤުތަކަށް ރައްކާތެރިވުން ކަމަށާއި، މިކަން ކުރެވޭނީ ތަރުބިޔަތުކުރަން ތިބި މީހުންނަކީ ޤާބިލު ބަޔަކަށް ވެގެން ކަމަށްވެސް ފާހަގަކުރެއްވިއެވެ.
”މައިންބަފައިންނަށް ކިޔަމަންވުމަކީ ވާޖިބުކަމަކަށްވީ ހިނދު، މައިންބަފައިން ކުރާ އަމުރަށް ކިޔަމަންވާން ޖެހޭނީ، اللهއަށް އުރެދެވޭކަމަކަށް އެ މީހުން އަމުރުނުކުރާހައި ހިނދެއްގައެވެ. އެހެނީ ޚާލިޤުވަންތަ اللهއަށް އުރެދެވޭ އެއްވެސް ކަމެއްގައި މަޚްލޫޤަކަށް ކިޔަމަންވުމެއްނެތެވެ. އަހަރެމެންގެ ދަރީންނަކީ ރަޙިމުގެ ގުޅުން ދަމަހައްޓާ، ހެއުލަފާ ޤާބިލު ބަޔަކަށްހެދުމަކީ، އެ ކުދީންނަށްދެވޭ ތަޢުލީމުން އެކަނި ކުރެވޭނޭކަމެއްނޫނެވެ. ތަޢުލީމާ އެކު ތަރުބިޔަތު ވެސް ދޭން ޖެހެއެވެ،“ މިއަދުގެ ޚުޠުބާގައި ވިދާޅުވިއެވެ.
ޚުޠުބާ ނިންމަވާލައްވަމުން ވަނީ، ކުދިންނަށް ބޭނުންވާ މާއްދީ ކަންކަން ފުރިހަމަކޮށްދިނުމުގެ އިތުރުން، އިސްލާމީ އަދަބުތަކާއި ޝަރުޢީ ޙުކުމްތަކަށް ޙުރުމަތްތެރިކޮށްހިތުމަށް ދަރީންނަށް ނަސޭހަތްތެރިވުމަށް ގޮވާލައްވާފައެވެ. އަދި މިކަމުގެ އެންމެ އެދެވޭ ނަތީޖާ ފެންނާނީ މައިންބަފައިން އަމިއްލައަށް ރިވެތި ނަމޫނާއަކަށް ވެގެން ކަމަށާއި، ޅަފަތުގައި ރިވެތި އަދަބު ދަސްކޮށްދީ، ދީނީ ވާޖިބުތަކަށް އަހުލުވެރިކުރުވުމަކީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ އެންމެ މުހިންމު ވާޖިބު ކަމުގައި ހަނދާންކޮށްދެއްވިއެވެ.