ބޭސްފަރުވާއަކަށް އިންޑިއާގެ ޓްރިވެންޑްރަމަށް ގޮސް އުޅެނިކޮށް ގެއްލުނު ދިވެހި މީހާ، ގެއްލުނުތާ 24 ގަޑިއިރަށް ވުރެ ގިނައިރު ފަހުން މިއަދު ފެނިއްޖެއެވެ.
މި ހާދިސާގައި ގެއްލިގެން ހޯދަމުން ދިޔައީ ރ. މީދޫ، އަތަމާގެ، ޢަލީ އިބްރާހީމް (އައްޔަބެ) އެވެ. އޭނާގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ އިއްޔެ ފަތިހު 5:30 ހާއިރު ކަމަށް އާއިލާއިން ކުރިން ވަނީ ބުނެފައެވެ.
އާއިލާއާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އައްޔަބެ ފެނިފައިވަނީ މަގުމަތީގައި އިށީނދެ އިންދައެވެ. އަދި އޭނާ ފެނުނުއިރު ހާލު ރަނގަޅު ކަމަށްވެސް އާއިލާއިން މައުލޫމާތު ދީފައިވެއެވެ.
އިންޑިއާގެ ޓްރިވެންޑްރަމަކީ ސިއްޙީ ފަރުވާ ހޯދުމަށްޓަކައި ރާއްޖެއިން ގިނަ އަދަދެއްގެ ދިވެހިން އަބަދުވެސް ދަތުރުކޮށް އުޅޭ މަންޒިލެކެވެ. އައްޔަބެ ގެއްލުމާ ގުޅިގެން ޓްރިވެންޑްރަމްގައި ދިރިއުޅޭ ދިވެހިންނާއި އެވަގުތު އެ ސިޓީގައި ތިބި ގިނަ އަދަދެއްގެ ދިވެހިން ވަނީ އޭނާ ހޯދުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.