އެމްޓީސީސީގެ ހިއްސާއަކަށް 3 ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފި.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ވޭތުވެދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 3 ރުފިޔާ ބެހުމަށް އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ރޭ ފާސްކޮށްފިއެވެ.
މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން ”ފަހިވޯޓު“ މެދުވެރިކޮށް ކުރިއަށްގެންދިޔަ މި ޖަލްސާގައި، ސީދާ ގޮތުން 59 ހިއްސާދާރުން އަދި ޕްރޮކްސީ މެދުވެރިކޮށް 14 ހިއްސާދާރުންނާއެކު ޖުމްލަ 73 ފަރާތަކުން ބައިވެރިވިއެވެ. މިއީ ކުންފުނީގެ ޖުމްލަ ހިއްސާގެ 69.75 އިންސައްތަ (5,602,272 ހިއްސާ) އެވެ.
މި ޖަލްސާގައި ފާސްކުރި މުހިންމު ކަންކަމުގެ ތެރޭގައި، މޫނުމަތީ އަގު 5 ރުފިޔާގެ ކޮންމެ ހިއްސާއަކަށް ފައިދާގެ ގޮތުގައި 3 ރުފިޔާ ބެހުން ހިމެނެއެވެ.

މީގެ އިތުރުން ވޭތުވެދިޔަ އަހަރުގެ އޮޑިޓް ކުރެވިފައިވާ ބެލެންސް ޝީޓާއި، ފައިދާއާއި ގެއްލުމުގެ ހިސާބުތަކުގެ އިތުރުން ޑިރެކްޓަރުންގެ ރިޕޯޓާއި، ހުސްވި އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ވަނީ ފާސްކޮށްފައެވެ. އަދި ކުންފުނީގެ ހިންގާ ގަވާއިދަށް ހުށަހެޅުނު އިސްލާހުތައް ފާސްކޮށް، ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އޮޑިޓަރެއްގެ ގޮތުގައި ’ޑެލޮއިޓް‘ ވަނީ އައްޔަންކޮށްފައެވެ.
އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުންގެ ބޯޑުގެ 2 މަގާމެއްގެ ދައުރު ހަމަވެފައިވާތީ، އެ މަގާމުތަކަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މި ޖަލްސާގައި ބޯޑަށް އިންތިޚާބުކޮށްފައިވަނީ ރ. ރަސްގެތީމު، ހުދުވެލި، ހުސައިން ހަސަންފުޅެވެ. އަދި ހުސްކޮށް އޮތް އަނެއް މަގާމަށް ޑިރެކްޓަރަކު އިންތިޚާބު ކުރުމަށްޓަކައި ޚާއްސަ އާންމު ޖަލްސާއެއް ބޭއްވުމުގެ އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހު ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
މާލީ ހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ އަހަރު އެމްޓީސީސީއަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، ސާފު ފައިދާގެ ގޮތުގައި 85 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުގެ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނަ އެމްޓީސީސީއާ، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އެއްކޮށްލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމަވާފައިވާއިރު، އެމްޓީސީސީން މިހާރު އަންނަނީ އާރްޑީސީގެ ދަށުން ހުރި މަޝްރޫއުތަކާ ހަވާލުވުމުގެ މަސައްކަތް ކުރަމުންނެވެ.