ވޭތުވެދިޔަ 2023 ވަނަ އަހަރުގެ ތެރޭގައި ސްޓްރޯކް ޖެހިގެން 500 މީހުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި އެޑްމިޓްކޮށްގެން ފަރުވާދީފައިވާ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
ޕީއެސްއެމް ނިއުސްގެ ”ރާއްޖެމިއަދު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ ކޮންސަލްޓަންޓް ސްޕެޝަލިސްޓް އިން ނިއުރޯސާޖަރީ ޑރ. ޢަލީ އާފީ ވިދާޅުވީ، ދުނިޔޭގެ ނިސްބަތަށް ބަލާއިރުވެސް މިހާރު ސްޓްރޯކް ޖެހޭ މިންވަރު ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަމަށެވެ. އެގޮތުން ދުނިޔޭގައި މި ނިސްބަތް 50 އިންސައްތަ އިތުރުވެފައިވާއިރު، އުމުރުން 25 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް އެމީހެއްގެ ހަޔާތުގައި ސްޓްރޯކެއް ޖެހުމުގެ ފުރުސަތު 25 އިންސައްތައަށް އަރާ ކަމަށް ޑޮކްޓަރު ފާހަގަކުރެއްވިއެވެ.
ސްޓްރޯކަކީ ސިކުނޑީގެ ލޭހޮޅިއެއް ބެދުމުގެ ސަބަބުން ނުވަތަ ލޭހޮޅިއެއް ފަޅައިގެން ދިއުމުގެ ސަބަބުން ދިމާވާ ނުރައްކާތެރި ސިއްޙީ ހާލަތެކެވެ. މި ބަލީގެ ސަބަބުން ހަށިގަނޑުން ވާގިނެތުމާއި، މޫނުގެ އެއްފަރާތް ދަމައިގަތުމުގެ އިތުރުން ވާހަކަދައްކަން އުނދަގޫވުމާއި ވާހަކަ ދޭހަނުވުން ފަދަ ސީރިއަސް މައްސަލަތައް ކުރިމަތިވެއެވެ.
ޑރ. އާފީ ވިދާޅުވީ، އައިޖީއެމްއެޗްގެ ތަފާސްހިސާބުތަކަށް ބަލާއިރު ފާހަގަކުރެވޭ އެންމެ ކަންބޮޑުވާ ކަމަކީ އުމުރުން ހަގު މީހުންނަށް ސްޓްރޯކް ޖެހޭ މިންވަރު އިތުރުވަމުން ދިޔުމެވެ. ރާއްޖެއާއި ދުނިޔޭގައިވެސް ލޭމަތިވުމާއި، ހަކުރުބަލި އަދި ކޮލެސްޓްރޯލް މަތިވުން ފަދަ ގައިންގަޔަށް ނާރާ ބަލިތައް އާންމުވަމުންދާތީ، ޒުވާނުންނަށް މި ބަލި ޖެހުމުގެ ނުރައްކާ ވަނީ ބޮޑުވެފައެވެ.

ރާއްޖޭގައި މިހާރު އެންމެ ގިނައިން މީހުން މަރުވާ ސަބަބަކީ ގައިންގަޔަށް ނާރާ ބަލިތައް ކަމަށްވާއިރު، އޭގެ ތެރޭގައި އެންމެ ކުރީގައި އުޅެނީ ހިތުގެ ބަލިތަކެވެ. ތަފާސްހިސާބުތައް ދައްކާގޮތުން އައިޖީއެމްއެޗްގައި ސްޓްރޯކް ޖެހިގެން ފަރުވާ ހޯދާ ކޮންމެ ފަސް މީހަކުން އެކަކީ އުމުރުން 45 އަހަރުން ދަށުގެ މީހެކެވެ. މީގެ ތެރޭގައި ބައެއް ފަހަރު އުމުރުން އެންމެ 16 އަހަރުގެ ކުދިންނަށްވެސް ސްޓްރޯކް ޖެހިގެން ފަރުވާ ދޭންޖެހޭ ހާލަތްތައް އަންނަ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
ޑރ. އާފީ އިތުރަށް ވިދާޅުވީ ސްޓްރޯކަކީ ވީހާވެސް އަވަހަކަށް ފަރުވާ ދެވިއްޖެނަމަ ރަނގަޅުކުރެވިދާނެ ބައްޔެއް ކަމަށެވެ. އެހެންކަމުން ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ވަގުތުން ޑޮކްޓަރެއްގެ އެހީތެރިކަން ހޯދުމަށް އިލްތިމާސްކުރެއްވިއެވެ. އަދި ބަލިން ރަނގަޅުވުމުގެ މަރުހަލާގައި އާއިލާގެ އެއްބާރުލުމަކީ ނުހަނު ބޭނުންތެރި ކަމެއްކަން ޑޮކްޓަރު ފާހަގަކުރެއްވިއެވެ.
”އާއިލާގެ އެއްބާރުލުމަކީ ވަރަށް މުހިންމުކަމެއް ސްޓްރޯކްގެ ރިކަވަރީ ޕްރޮސެސްގައި. ޚާއްސަކޮށް ޓްރާންސިޝަންއަކީ ވަރަށް މުހިންމުކަމެއް. ހޮސްޕިޓަލުން ގެޔަށް ބަލިމީހާ ބަދަލުކުރާއިރު އެ ޕާތުވޭ އެސްޓަބްލިޝްކުރުމަކީ ވަރަށް މުހިންމުކަމެއް. އެހެންވީމަ އާއިލާގެ ސަޕޯޓް ވަރަށް މުހިންމު. މިސާލަކަށް ބަލިމީހާއަށް ކާންދޭނީ ކިހިނެތްތޯ. ހޮސްޕިޓަލުގައި ބަލިމީހާ އޮންނަ ދުވަސްވަރު ދަސްކުރުން ވަރަށް މުހިންމު. ފިޒިއޮތެރަޕީކަންކަން ކުރުން،“ ޑރ. އާފީ ވިދާޅުވިއެވެ.
ސްޓްރޯކް ޖެހުމަށްފަހު އެކި މީހުން ރަނގަޅުވާ މިންވަރު ތަފާތުވާއިރު، ބައެއް މީހުން އަވަހަށް ރަނގަޅުވި ނަމަވެސް އަނެއްބައި މީހުންނަށް ދިގު މުއްދަތަކަށް ފަރުވާ ދޭންޖެހޭތީ، މިފަދަ ހާލަތްތަކުގައި ބަލިމީހާއަށް އާއިލާގެ ފަރާތުން ލޯތްބާއި އަޅާލުން ދިނުމަކީ ޝިފާ ހޯދުމަށް ލިބޭނެ އެންމެ ބޮޑު ހިތްވަރެވެ.