ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން، އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން ހޯދަމުންދަނީ ޏ. ފުވައްމުލައް، ފުނާޑު، އުޑުވިލާގެ، އުމުރުން 38 އަހަރުގެ ޢަލީ ޙަސަން ކަމަށެވެ.
އޭނާ ހޯދަމުންދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2026 ނޮވެމްބަރު 1 ވާ ދުވަހުގެ މެންދުރުފަސް 13:30 އަށް އެ ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.
އަލީ ޙަސަނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ފުލުހުންގެ ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅުއްވައި އެ މަޢުލޫމާތެއް ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.
މީގެއިތުރުން، މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި ފުލުހުންގެ ފަރާތުން ވަނީ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.