އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ގާއިމުކުރާ ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު މިއަދު ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ ”ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް“ (އެޗްއައިސީޑީޕީ) ގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ޚާރިޖީ ވުޒާރާގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލާސުބްރަމާނިއަމްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޚާރިޖީ ވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގައި ފިޓްނަސް ސެންޓަރުތައް ޤާއިމުކޮށް، ރައްޔިތުންނަށް ދުޅަހެޔޮ ދިރިއުޅުމެއް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައިފައެވެ. އަދި އިތުރު ތިން ރަށަކަށް ބޭނުންވާ ސާމާނު ހޯދަން މިއަދު އެއްބަސްވިއިރު، މިދިޔަ ޖުލައި މަހު ވެސް 42 ރަށަކަށް ބޭނުންވާ މިފަދަ ސާމާނު ހޯދުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަން އެކަމަނާ ހަނދާން އައުކުރެއްވިއެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ދެއްކެވި ވާހަކަފުޅުގައި، މި ސެންޓަރުތަކުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް ކަސްރަތުކުރުމާއި، ސިއްޙަތު ސަލާމަތުން ބެހެއްޓުމުގެ އިތުރުން އިޖުތިމާޢީ ގުޅުން ބަދަހިކުރެވޭނެ އެކަށޭނަ ރަނގަޅު މާޙައުލެއް ޤާއިމުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ދެ ވަޒީރުން ވެސް ވަނީ ދިވެހިރާއްޖޭގެ ތަރައްޤީއަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދެމުން އަންނަ ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ. ވަކިން ޚާއްޞަކޮށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި، އެ ޤައުމުގެ ޚާރިޖީ ވަޒީރު ޑރ. އެސް. ޖައިޝަންކަރަށާއި، ސަފީރު ޖީ. ބާލާސުބްރަމާނިއަމްގެ އިތުރުން ހައިކޮމިޝަނުގެ ޓީމުން ދެއްވާ އެއްބާރުލެއްވުން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.