ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް އެންޓީގާ އެންޑް ބާބިޔުޑާއަށް ފުރާވަޑައިގެންފި.

ކޮމަންވެލްތު އިސްވެރިންގެ 28 ވަނަ ބައްދަލުވުމުގައި (ޗޮގަމް) ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މިއަދު އެންޓީގާ އެންޑް ބާބިޔުޑާއަށް ފުރާވަޑައިގެންފިއެވެ. އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.
އަންނަ ނޮވެންބަރު މަހުގެ 1 އިން 4 ގެ ނިޔަލަށް އެންޓީގާ އެންޑް ބާބިޔުޑާގައި ކުރިއަށްދާ މި ސަމިޓުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ގިނަ ދަންފަޅިތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ބައްދަލުވުންތަކުގައި ދިވެހިރާއްޖޭގެ ފަރާތުން މުހިންމު ބަޔާންތަކެއް އިއްވެވުމަށްވެސް ވަނީ ތާވަލުކުރެވިފައެވެ.
މި އަހަރުގެ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ”އެކްސެލެރޭޓިންގ ޕާޓްނަރޝިޕްސް އެންޑް އިންވެސްޓްމަންޓް ފޯރ އަ ޕްރޮސްޕަރަސް ކޮމަންވެލްތު“ މި ޝިޢާރުގެ ދަށުންނެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ މެންބަރު ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށާއި، ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކަށް މަގުފަހިކުރުމުގެ އިތުރުން، އެންމެންގެ ބައިވެރިވުން ހިމެނޭ ފަދަ އިޤްތިޞާދީ ކުރިއެރުމެއް ހޯދުމާ ގުޅޭގޮތުންނެވެ.
ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމަކީ، ދުނިޔެއަށް ކުރިމަތިވަމުންދާ އިޤްތިޞާދީ، ތިމާވެށީގެ އަދި ސަލާމަތީ އެކިއެކި ގޮންޖެހުންތަކާ މެދު މެންބަރު ޤައުމުތަކުގެ އިސްވެރިން އެއް މޭޒެއްގައި މަޝްވަރާކުރައްވާ މުހިންމު މަންސައެކެވެ. މީގެއިތުރުން، ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށާއި، ކާރިސާތަކުން އަރައިގަތުމުގެ ވިލުންތެރިކަން ބިނާކުރުމަށާއި، ވިޔަފާރީގެ ގުޅުންތައް ފުޅާކޮށް ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށް ގޮތްތަކެއް ނިންމުމަށް ކޮންމެ މެންބަރު ޤައުމަކަށްވެސް ލިބިގެންދާ އަގުހުރި ފުރުޞަތެކެވެ.