މަސް ކިރުވާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރުމަށް ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތުގެ ދަށުން، މިއަދުވެސް މަސްވެރިންނަށް 6 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ހާމަކޮށްފިއެވެ.
މިފްކޯއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އެޕްރީލް މަހުގެ 23 ވަނަ ދުވަހު ކިރުވި މަހަށް މިއަދު ވަނީ ޖުމްލަ 6،090,118 (ހަ މިލިއަން ނުވަދިހަ ހާސް އެއް ސަތޭކަ އަށާރަ) ރުފިޔާ ޖަމާކޮށްފައެވެ. މިއީ މަސްވެރިން ބާނާ މަހަށް ވަގުތުން ފައިސާ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތަށް ކުރިއަށްދާ މަސައްކަތެކެވެ.
މިފްކޯގެ ހިސާބުތަކަށް ބަލާއިރު، އެޕްރީލް 23 ވަނަ ދުވަހު ކަޅުބިލަމަސް ކިރުވި 70 ދޯންޏަކަށް 5,870,588 (ފަސް މިލިއަން އަށްޑިހަ ހަތް ހާސް ފަސް ސަތޭކަ އަށްޑިހަ އަށް) ރުފިޔާ ވަނީ ދޫކޮށްފައެވެ. މީގެ އިތުރުން ބޮޑުކަންނެލި ކިރުވި ދޯނިފަހަރަށްވެސް ވަނީ ފައިސާ ޖަމާކޮށްފައެވެ. އެގޮތުން 10 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 9 ދޯންޏަކަށް 21,080 (އެކާވިސް ހާސް އަށްޑިހަ) ރުފިޔާ ދޫކޮށްފައިވާއިރު، 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 19 ދޯންޏަކަށް 198,450 (އެއް ލައްކަ ނުވަދިހަ އަށް ހާސް ހަތަރު ސަތޭކަ ފަންސާސް) ރުފިޔާ ވަނީ ޖަމާކޮށްފައެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށާއި މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މަސް ކިރުވާތާ ގިނަވެގެން 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރުމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. މިގޮތުން، މި ސަރުކާރުން މަސްވެރިންނަށް ގަވާއިދުން ފައިސާ ދޫކުރަން ފަށާފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެންނެވެ.
މި ނިޒާމުގެ ސަބަބުން މަސްވެރިންނަށް މާލީ ގޮތުން ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބި، މަސްވެރިކަމަށް އޮތް ޝައުޤުވެރިކަން އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.