ޅ. ހިންނަވަރުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފި.

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޤުރްއާން އުނގަންނައިދޭ މަރުކަޒުތައް ޤާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ ޚާއްސަ މަޝްރޫޢުގެ ދަށުން، ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އައު ގޮތްޕެއް ޅ. ހިންނަވަރުގައި ރަސްމީކޮށް ހުޅުވައިފިއެވެ.
ހިންނަވަރުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި ގޮފި އިފްތިތާޙުކޮށްދެއްވީ ޑެޕިއުޓީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް، އަލްއުސްތާޛު ޢަބްދުލް ޣަފޫރު އަޙްމަދެވެ. މި ރަސްމިއްޔާތުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ބައެއް އިސްވެރިންނާއި، ހިންނަވަރު ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ދަތުރުގެ ތެރެއިން، ގޮފީގައި ޤުރްއާން ކިލާސްތައް ރަސްމީކޮށް އިފްތިތާޙުކޮށް، އެންރޯލްވެފައިވާ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިންނާ މި މަރުކަޒުގެ ވަފުދުގެ ބޭފުޅުން ވަނީ ބައްދަލުކުރައްވާފައެވެ. އަދި އެ ގޮފީގައި ހިންގާ ޤުރްއާން ތަޢުލީމުގެ ޕްރޮގްރާމްތައް ހަރުދަނާކޮށް، އިދާރީ ގޮތުން ބެލެހެއްޓުމާއި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާނެ ގޮތްތަކާ މެދު ހިންނަވަރު ކައުންސިލް އިދާރާއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މަންދޫބުންނާއެކު މުހިންމު މަޝްވަރާތަކެއް ވަނީ ބާއްވާފައެވެ.

ހިންނަވަރުގައި މިފަދަ ގޮއްޕެއް ހުޅުވުމަކީ، ޤުރްއާނުގެ ތަޢުލީމު ލާމަރުކަޒީކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ދަރިވަރުންނަށް ކީރިތި ޤުރްއާން އުނގެނުމާއި، ކިޔެވުމާއި، ހިފްޡުކުރުމުގެ ފުރުޞަތުތައް ފުޅާކުރުމަށް ދައުލަތުން ކުރައްވަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ކުރިއެރުމެކެވެ.


މުޅި ރާއްޖެއަށް މި ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން، މަރުކަޒުގެ އިތުރު 10 ގޮތްޕެއް ރަޖިސްޓްރީކުރުމުގެ މަސައްކަތް ނިމި، ރަސްމީކޮށް ހުޅުވުމުގެ ތައްޔާރީތައް ދަނީ ވަމުންނެވެ. އެއީ ހދ. ނޮޅިވަރަންފަރު، ހދ. ވައިކަރަދޫ، ރ. މަޑުއްވަރި، ރ. ރަސްމާދޫ، ރ. ހުޅުދުއްފާރު، ކ. މާފުށި، ފ. މަގޫދޫ، ލ. މާވަށް، ގއ. ދާންދޫ އަދި ސ. ހިތަދޫގައެވެ. މީގެއިތުރުން، އިތުރު 12 ރަށެއްގައި ގޮފި ރަޖިސްޓްރީކުރުމަށް މިހާރު ވަނީ ހުށަހަޅާފައެވެ. އެ ރަށްތަކަކީ ހއ. އިހަވަންދޫ، ޝ. މަރޮށި، ރ. މާކުރަތު، ބ. ތުޅާދޫ، އއ. ފެރިދޫ، އއ. މާޅޮސް، ދ. މީދޫ، ތ. ވިލުފުށި، ލ. ކަލައިދޫ، ލ. ގަން، ގދ. ގައްދޫ އަދި ގއ. ކެންދޫހުޅުދޫއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، އިސްލާމީ ޢިލްމު ވަރުގަދަކުރުމާއި، ކީރިތި ޤުރްއާން ހިފްޡުކުރުމަށް ހިތްވަރުދިނުމާއި، އަންނަންއޮތް ޖީލުތަކަށް ތަޢުލީމީ ފުރުޞަތުތައް ފުޅާކުރުމުގެ އިސްނެގުންތަކުގެ ތެރެއިން ދައުލަތުން ދަނީ ޤުރްއާނުގެ ތަޢުލީމަށް ޚާއްޞަ އިސްކަމެއް ދެއްވަމުންނެވެ.


މި އިސްނެގުންތަކުގެ ތެރޭގައި، ޤައުމީ ޤުރްއާން މުބާރާތަކީ ދައުލަތުގެ ބަޖެޓުން މުޅިން ޚަރަދުކުރެވޭ، އަދި ޤައުމީ ފެންވަރުގެ މުބާރާތްތަކުގެ ތެރެއިން އެންމެ އަގުހުރި އިނާމުތައް ހުށަހެޅޭ މުބާރާތުގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ. އަދި ޙާފިޡުންނަށް ދެވޭ ޢިނާޔަތް ދެގުނައަށް ބޮޑުކުރައްވައި، ކީރިތި ޤުރްއާން ހިފްޡުކޮށް ނިންމަވާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި ޚާއްޞަ ދަސްވެނިވުމުގެ ރަސްމިއްޔާތެއްވެސް ވަނީ ތަޢާރަފުކުރައްވާފައެވެ. މީގެއިތުރުން، ޤުރްއާނުގެ ތަޢުލީމަށާއި އެއާ ގުޅުންހުރި ތަރައްޤީގެ ޕްރޮގްރާމްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަޤްޞަދުގައި، ކީރިތި ޤުރްއާނަށް ޚާއްޞަ ވަޤުފް މަޝްރޫޢުތަކުގެ މަސައްކަތްތައްވެސް ސަރުކާރުން މިހާރު ވަނީ ފައްޓަވާފައެވެ.