ކީރިތި ރަސޫލާ ދެކެ ލޯބިނުވެ ޢީމާންކަން ފުރިހަމައެއް ނުވާނެ: ހުކުރު ޚުޠުބާ

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާގައި، މުސްލިމުންގެ މާތް ނަބިއްޔާ ކީރިތި ރަސޫލާ މުޙައްމަދު ﷺ ދެކެ ފުރިހަމައަށް ލޯބިވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުކަމެއް ކަމަށް ހަނދާންކޮށްދެއްވައިފިއެވެ. ”ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ލޯބިވުން“ މި މައުޟޫއަށް އަލިއަޅުވާލައްވައި އިއްވި މި ޚުޠުބާގައި ވަނީ، އެކަލޭގެފާނު ދެކެ ފުރިހަމައަށް ލޯބިނުވާ މީހުން ކުރާ ޢަމަލުތައް ބާތިލްވެދާނެކަމުގެ އިންޒާރު ދެއްވާފައެވެ.
ޚުޠުބާގައި ވިދާޅުވީ، ޖިންނީންނާއި އިންސީންނަށް ތެދުމަގު ދެއްކެވުމަށް މާތް ﷲ ފޮނުއްވެވި ރަސޫލާ ދެކެ ލޯބިވުމަކީ، ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތުން ސާބިތުވާ ކަމެއް ކަމަށެވެ. އެއީ މާތް ﷲ އަމުރު ކުރައްވާފައިވާ ކަމެއް ކަމަށާއި، އެއީ އެންމެހާ މުސްލިމުންގެ މައްޗަށް ވާޖިބުކަމެއް ކަމުގައިވެސް ޚުޠުބާގައި ފާހަގަކުރެއްވިއެވެ.
ކީރިތި ރަސޫލާ ރަސޫލުކަމާއިގެން ފޮނުއްވެވުމުގެ ކުރިން ދުނިޔެ އޮތް ހާލަތުގެ މައްޗަށް އަލިއަޅުވާލައްވަމުން ޚުޠުބާގައި ވިދާޅުވީ، އެ ޒަމާނުގައި ދުނިޔެ އޮތީ ޖާހިލުކަމުގެ ކަނު އަނދިރީގައި، އަނިޔާ އާއި ބޭއިންސާފުން ފުރިފައި ކަމަށެވެ. ބާރު އޮތީ ތަނަވަސްކަމާއި ނުފޫޒުގަދަ މީހުންގެ އަތުގައި ކަމަށާއި، މީސްތަކުން ތިބީ އެކި ފަންތިތަކަކަށް ބަހާފައި ކަމަށްވެސް ވިދާޅުވިއެވެ. ގަދަރުވެރީންނާއި ނިކަމެތީން، ސާހިބުންނާއި އަޅުންގެ ގޮތުގައި މުޖުތަމަޢު ބައިބައިވެފައިވިއިރު، ރިބާކެއުމާއި، ބުދަށް އަޅުކަންކުރުމާއި، ޣައިބު ދަންނަކަމަށް ދައުވާކުރުން އޮތީ އިންތިހާއަށް ކަމަށް ޚުޠުބާގައި ފާހަގަކުރެއްވިއެވެ.
އެ ޒަމާނުގައި ޖިންނި ޝައިތާނުންގެ އެހީގައި ކަހީނުކަންކޮށް، ފާލުބަލައި ރަމަލުޖަހާ މީހުން އުޅުނު ކަމަށާއި، އެ ބައިމީހުން މީސްތަކުންގެ ނަސީބު ހުރި ނެތް ގޮތް ކިޔައިދީ، މީސްތަކުންގެ ތަނަވަސްކަމަށް އަރައިގަންނަ ކަމަށްވެސް ޚުޠުބާގައި ބަޔާންކުރެއްވިއެވެ. މީގެ އިތުރުން، އެރުގެ މުޖުތަމަޢުގައި އަންހެނުންނަށް އެއްވެސް މަޤާމެއް އަދި އަގެއް ނެތް ކަމަށާއި، އަންހެނުންނަށް ވާރުތައިން ލިބޭ ހިއްސާއެއް ނެތް ނަމަވެސް، އަންހެނަކު މަރުވެއްޖެ ނަމަ އޭނާގެ މުދާ އެހެން މީހުންނަށް ވާރުތައިން ލިބޭ ކަމަށްވެސް ވިދާޅުވިއެވެ. އިސްލާމް ދީން އައުމުގެ ކުރީން، އަންހެން ދަރީން ދިރިތިއްބައި ވަޅުލުމަކީވެސް އަރަބީންގެ ތެރޭގައި ޢާންމުކަމެއް ކަމަށް ޚުޠުބާގައި ފާހަގަކުރެއްވިއެވެ. މި ފަދަ އެތައް ސަބަބަކާ ހުރެ، މީސްތަކުން ތިބީ ހިދާޔަތުގެ އަލިކަމަކަށް އެދިއެދި ތެދުމަގު ހޯދުމަށް ކެތްމަދުވެފައެވެ.
”މީސްތަކުން މިފަދަ ހާލެއްގައި ވަނިކޮށް، މާތް ﷲ މީސްތަކުންގެ މައްޗަށް ދަރުމަވެރިވެވޮޑިގެން ތެދުމަގާއިގެން ފޮނުއްވި ބޭކަލަކީ، ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ. އެކަލޭގެފާނު ގެނެސްދެއްވި ދީނުގައި އިންސާފު އޮތް. ހަމަހަމަކަން އޮތް. އެއީ ދުނިޔެއާއި އާޚިރަތް ބާއްޖަވެރިކުރެވޭނެ މަގު. އެ ދީނުގެ ސަބަބުން ބައިބައިވެފައި އޮތް މުޖުތަމަޢު އެކުވެރިވި. ހަތުރުން މިތުރުންނަށް ވި. ނަރަކައިން މިންޖުވެ، ސުވަރުގެ ވަދެވޭނެ މަގު ފަހިވި. ކީރިތި ރަސޫލާ ދެކެ ލޯބިވާން ޖެހެނީ މި ސަބަބުތަކަށްޓަކައި“ ޚުޠުބާގައި ވިދާޅުވިއެވެ.
ކީރިތި ރަސޫލާ ދެކެ ލޯބިވުމަކީ ކޮބައިކަން ދަންނަން ޖެހޭ ކަމަށާއި، އެކަލޭގެފާނު ދެކެ ލޯބިވުމުގެ ތެރޭގައި، އެކަލޭގެފާނު ގެނެސްދެއްވި ރިސާލަތަށް ތަބާޢުވުން ހިމެނޭ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އަދި އެކަލޭގެފާނު ދެކެ ލޯބިވުމުގެ ތެރޭގައި، އެކަލޭގެފާނުގެ އަރިހުގައި އަޑުމަޑުކުރުމާއި، އެކަލޭގެފާނަށް އިޙްތިރާމުކުރުން ހިމެނޭ ކަމަށާއި، އެ ކަން އެގޮތަށް ނުކުރާމީހުންގެ ޢަމަލުތައް ބާތިލުވެދާނެކަމަށްވެސް ޚުޠުބާގައި ވަނީ ވިދާޅުވެފައެވެ.
މިއަދު އެކަލޭގެފާނު ދެކެ ލޯބިވުމުގެ ތެރޭގައި، އެކަލޭގެފާނުގެ ޝަހުސިއްޔަތާއި ސުންނަތް ދިފާޢުކުރުމާއި، ސުންނަތުގެ މައްޗަށް ބަސްނުކިޔުމާއި، އެކަލޭގެފާނުގެ އަސްޙާބު ބޭކަލުންނާއި، އަނބިއަނބިކަނބަލުން ދިފާޢުކުރުން ހިމެނޭ ކަމަށް ޚުޠުބާގައި ބަޔާންކުރެއްވިއެވެ. ކީރިތި ރަސޫލާގެ އަނބިކަނބަލުން ޢާއިޝާ ރަޟިޔަﷲ ޢަންހާ އާ ކުރިމަތިވެވަޑައިގަތް އިފްކުގެ މައްސަލައިގައި، އެކަމަނާ ދިފާޢުކުރުމުގެ ބަދަލުގައި، އެކަމަނާ ބަދުނާމުކޮށް، ވާހަކަ ފެތުރި މީހުންނަށް މާތް ﷲ ކޯފާގެ ބަސްފުޅު ވަޙީކުރެއްވި ކަމަށް ޚުޠުބާގައި ވަނީ ވިދާޅުވެފައެވެ.
”ކީރިތި ރަސޫލާ އިސްލާމީ އުންމަތަށް، މާތް ﷲ ގެ ދީން ގެނެސްދެއްވި. އެ ދީން ފުރިހަމަވަނީ އެ މާތް ނަބިއްޔާގެ ސުންނަތާ ލައިގެން. އެހެންކަމުން ކީރިތި ޤުރްއާނުގައި މާތް ﷲގެ ފޮތާއި، ކީރިތި ރަސޫލާގެ ސުންނަތުގައި ވަރުގަދައަށް ހިފަހައްޓައިގެން ތިބުމަށް ވަނީ އަމުރުކުރައްވާފަ. އަދި މުސްލިމުން އެކަތިގަނޑަކަށް ވުމަށް އަންގަވާފަ“ ޚުޠުބާގައި ވިދާޅުވިއެވެ.
އިތުރު އެކަލޭގެފާނުގެ ސިފަފުޅުތަކުގެ ތެރޭގައި، އެކަލޭގެފާނުގެ އުންމަތަށް ނުހަނު އޯގާތެރިކަމާއި، ދީލަތިފުޅުކަމާއި، މުސްލިމުންގެ މައްޗަށް އޯގާވެރިކަމާއި، މީސްތަކުންގެ ކުށްތަކަށް މަޢާފުކުރެއްވުމުގެ ލާމަސީލު ނަމޫނާއެއްކަން ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، އެކަލޭގެފާނުގެ މަޑުމައިތިރިކަމަށް، ކީރިތި ޤުރްއާނުގައި ތަޢުރީފުކުރައްވާފައިވާ ކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ. ”އެއުރެންނަށް ކަލޭގެފާނު އޯގާވެރިވެވަޑައިގަތީ، اللَّه ގެ ޙަޟްރަތުން ލެއްވި ރަޙްމަތެއްގެ ސަބަބުންނެވެ. ހިތްޕުޅު ހަރުކަށި، ޚުލުޤު ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނުވިނަމަ، ކަލޭގެފާނުގެ އަރިހުން އެއުރެން ވަކިވެގެން ހިނގައްޖައީހެވެ. ފަހެ، އެއުރެންނަށް ކަލޭގެފާނު ޢަފޫ ކުރައްވާށެވެ! އަދި، އެއުރެންނަށް ފާފަފުއްސެވުން އެދި ދަންނަވާށެވެ! އަދި، ކަންތަކުގައި ކަލޭގެފާނު އެމީހުންނާ މަޝްވަރާ ކުރައްވާށެވެ! ފަހެ، (ކަމަކާމެދު) ކަލޭގެފާނު ޢަޒުމު ކަނޑައަޅުއްވައިފިނަމަ، ފަހެ، ކަލޭގެފާނު اللَّه އަށް ވަކީލު ކުރައްވާށެވެ! ހަމަކަށަވަރުން، ވަކީލު ކުރާ މީހުންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ.“ (އާލު ޢިމްރާން: 159).