ދުނިޔެއަކީ ފަނާވެގެންދާ ތަނެކެވެ. ދުނިޔޭގެ ފުރިހަމަކަމާއި ރީތިކަމަކީ ވަގުތީ އެއްޗެކެވެ. މިކަން އެނގިތިބެ، އެކަމަށް ސަމާލުކަމެއް ނުދީ، ދިރިއުޅުމުގެ އެންމެ އަގުބޮޑު ވަގުތުތައް ބޭކާރުކޮށްލާ މީހުން ކިތަންމެ ގިނައެވެ. ދުނިޔޭގެ ފަހަތުން ދުވެ، އެކި ބާވަތުގެ ދަހިވެތިކަމާއި އުފަލުގެ މަސްތުގައި ޣާފިލުކަމާއެކު ދިރިއުޅުމުގެ ދުވަސްތައް ވޭތުކޮށްލާ މީހުން މަދެއްނޫނެވެ. ދިރިއުޅުމުގެ ހަޤީޤީ މަޤްސަދު ހަނދާން ނައްތާލާފައި، ފައިސާގެ ފަހަތުން ދުވެ، މަޤާމާއި މަންފާއަށްޓަކައި އެއްވެސް ލަދެއް ހަޔާތެއްނެތި އެކި ވައްތަރުގެ ފާފަތަކަށް އަރައިގަންނަ މީހުންވެސް އަޅުގަނޑުމެންނަށް ފެނެއެވެ. ޖާހިލުކަމުގެ ކަނުއަދިރީގައި ދިރިއުޅުން ވޭތުކޮށްލުމަކީ، އަޅުގަނޑުމެންގެ ދިރިއުޅުން ބަރުބާދުކޮށްލުން ކަމަށް ނޫނީ ނުވާނެއެވެ.
ދުނިޔޭގެ ޖަހާލަތުގެ ކަނުއަދިރީގައި ހަޔާތެއް ވޭތުވެދިޔުމަކީ، ހަމައެކަނި ދީނީ ކަންކަމަށް ފަރުވާކުޑަކުރުމެއް ނޫނެވެ. އެއީ މުޅި ދިރިއުޅުމުގެ އަސާސްތައް ބަލިކުރުމެވެ. ދެމިގެންދާ ހެޔޮކަމުގެ ބަދަލުގައި، ވަގުތީ ހިތްހަމަޖެހުންތަކަށް ހެއްލިގަތުމެވެ. އޭގެ ސަބަބުން މީސްތަކުންގެ ހިތްތަކުގައި އަނދިރިކަމާއި ހިތްދަތިކަން ޖެހި، ނުތަނަވަސްކަން އުފެދެއެވެ. ދުނިޔެއަކީ އާޚިރަތަށްޓަކައި ތައްޔާރުވާންޖެހޭ މަންޒިލެއްކަން ހަނދާންނައްތާލާ، ހެޔޮ އަމަލުތައް ކުރުމަށް ފަރުވާކުޑަކުރުމަކީ ޖާހިލުކަމުގެ އެންމެ ބޮޑު އެއް ސިފައެވެ. ވަގުތުގެ ބޭނުން ހެޔޮގޮތުގައި ނުކުރުމާއި، މުޖުތަމަޢަށް ފައިދާކުރަނިވި މަސައްކަތްތަކުން އެއްކިބާވުމަކީވެސް މި ޖާހިލުކަމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
އެހެންނަމަވެސް، މީސްތަކުންނަށް ހެޔޮގޮތް ދައްކަވައިދެއްވުމަކީ މާތް ﷲގެ ރަޙްމަތްފުޅުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ކިތަންމެ ދިގު މުއްދަތަކަށް ފާފަތަކުގެ އަނދިރީގައި ޣާފިލުކަމާއެކު ދިރިއުޅެވުނަސް، މާތް ﷲއަށް ތައުބާވެ، ހެޔޮ މަގަށް އެނބުރި އައުމުގެ ދޮރުކޮޅު އަބަދުވެސް ހުޅުވިފައިވެއެވެ. ޖާހިލުކަމުގެ އަނދިރިކަމުން ސަލާމަތްވުމަށްޓަކައި އެންމެ މުހިންމު ހަތިޔާރަކީ ތައުބާއެވެ.
އެހެނަސް ތަޢުބާއަކީ އެކަމުން ނަޖާވާނެ ދަންމަރެވެ.
އެއްވެސް މީހަކު ކުރީގައި ކުރެވުނު ފާފަތަކަށް ހިތާމަކޮށް، މާތް ﷲގެ ޙަޟުރަތަށް ސިއްދުޤުކަމާއެކު ތައުބާވެއްޖެނަމަ، އެ ފާފަތައް ފޮހެވި، އާ ދިރިއުޅުމެއް ފެށުމުގެ ފުރުސަތު ލިބިގެންދެއެވެ. ތައުބާއަކީ ހިތުގެ ސާފުކަމާއި ނަފްސު ޠާހިރުކުރުމުގެ ވަޞީލަތެކެވެ. އޭގެ ސަބަބުން އަނދިރި ހިތްތަކަށް އަލިކަން ލިބި، ދުނިޔޭގެ ކަންކަމަށް ދެވިފައިވާ މަސްތުން މިނިވަންވެ، އާޚިރަތަށްޓަކައި މަސައްކަތްކުރުމުގެ ހިތްވަރު ލިބިގެންދެއެވެ. އެހެންކަމުން، ދުނިޔޭގެ ޖަހާލަތުގެ ކަނުއަދިރީގައި ހަޔާތެއް ވޭތުވެ ދިޔަނަމަވެސް، ތައުބާގެ އަލިގަދަ ދަންމަރަކީ އެކަމުން ނަޖާކޮށް، ސީދާވެގެންވާ މަގަށް އަޅުގަނޑުމެންނަށް މަގުދައްކައިދޭނެ އެއްޗެކެވެ. މާތް ﷲ އަޅުގަނޑުމެންނަށް ތައުބާވުމުގެ ހެޔޮ ތައުފީޤު ދެއްވާށި! އާމީން.