މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ހަމަލާދޭން މަސައްކަތްކުރި ހާދިސާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.
ރައީސް އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި، އިދިކޮޅު އެމްޑީޕީން ރޭ ބޭއްވި މުޒާހަރާގެ ތެރެއިން މޭޔަރު އާޒިމަށް ހަމަލާދޭން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ފެނިވަޑައިގެންފައެވެ. ރައީސް ވިދާޅުވީ ރައްޔިތުން އިންތިޚާބުކޮށްފައިވާ މަގާމެއްގައި ހުންނެވި ބޭފުޅަކަށް ނުވަތަ އެއްވެސް ސިޔާސީ ލީޑަރަކަށް ހަމަލާދީ ބިރުދެއްކުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ގައުމުގައި އަމާން މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
މި ހާދިސާއާ ގުޅިގެން ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވީ، މިއީ ސަރުކާރުން ކުރުވި ކަމެއް ކަމަށް މޭޔަރު އާޒިމް ތުހުމަތު ކުރެއްވުމަކީ އިންތިހާއަށް ހައިރާންވާ ކަމެއް ކަމަށެވެ. މިއީ އެއްވެސް ހެއްކެއް ނެތް، ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށާއި، މިފަދަ ނުރައްކާތެރި ހާދިސާތަކުގެ ބޭނުން ހިފައި ސިޔާސީ މަންފާއަށްޓަކައި ދަށު ދަރަޖައިގެ ތުހުމަތުތައް ކުރުމަކީ ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށް ތަރުޖަމާނު ސިފަކުރެއްވިއެވެ.
މި ހާދިސާ އެމްޑީޕީގެ ފަރާތުން ނުވަތަ މާލޭ ސިޓީ ކައުންސިލުން ރަސްމީކޮށް ފުލުހުންނަށް ރިޕޯޓުކޮށްފައި ނުވި ނަމަވެސް، މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއާ ގުޅިގެން ފުލުހުން މިހާރު ވަނީ އަމިއްލައަށް އިސްނަގައިގެން މި މައްސަލައިގެ ތަހުގީގު ފަށާފައެވެ.
މޭޔަރުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ތަރުޖަމާނު އިތުރަށް ވިދާޅުވީ، މޭޔަރަކީ އެދިވަޑައިގެންފިނަމަ ދައުލަތުން ސެކިއުރިޓީ ހަމަޖައްސައިދޭން ޖެހޭ ބޭފުޅެއް ކަމަށެވެ. އަދި ފުލުހުންގެ ފަރާތުން ހަދާ ”ތްރެޓް އެސެސްމަންޓް“ ތަކުން މޭޔަރަށް އެއްވެސް ނުރައްކަލެއް އޮތްކަން ފާހަގަކުރެވިއްޖެނަމަ، ފުލުހުން އިސްވެ ސެކިއުރިޓީ ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަންވެސް ސަރުކާރުން ވަނީ ދީފައެވެ.