ދިވެހި ފަސްގަނޑު މިނިވަންކަން މަތީ ދެމިއޮތުމުގައި ދިވެހި ސިފައިންގެ ހިތްވަރާއި ކުރެއްވި މަތިވެރި ޖިހާދަކީ އެއިން ޢިބްރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ފަޚުރުވެރި ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައި، މީސްމީޑިއާގައި މިއަދު ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނުގެ މެސެޖުގައި ވަނީ، ރާއްޖޭގެ ނަޞްރުގެ ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ ފަޚުރުވެރި ދިވެހި ސިފައިންނަށާއި، ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ. އަދި ޝަހީދުންގެ ޒިކުރާ އައުކުރައްވަމުން، ޝަހީދުންގެ ދުވަހާ ގުޅޭ ލަވައެއްގެ ބައެއް ޙިއްޞާކުރައްވައި، މި ލޮބުވެތި ވަޠަންގެ ދިފާޢުގައި ޝަހީދުވެދިޔަ މަތިވެރި އަބްޠާލުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދިވަޑައިގެން ރައީސް ވަނީ ހެޔޮ ދުޢާ ކުރައްވާފައެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހަކީ ދިވެހި ތާރީޚުގައި ކަޅު އަނދިރި ޞަފްޙާތަކެއް ލިޔެވިގެންދިޔަ ބިރުވެރި ދުވަހެކެވެ. އެ ދުވަހުގެ ފަތިހުގެ ހަމަހިމޭންކަން ނަގާލައި، ސްރީލަންކާގެ ބާޣީ ޖަމާޢަތެއް ކަމަށްވާ ”ޕްލޮޓް“ ގެ ކުލީ ސިފައިންނާއި ދިވެހިންގެ މަދު ޚާއިނުންތަކެއް ގުޅިގެން ވެރިރަށް މާލެއަށް ކުއްލި ޙަމަލާއެއް ދިނެވެ. އެފަދަ ޢުދުވާނެއް ކުރިމަތިވެދާނެކަމުގެ އެއްވެސް މަޢުލޫމާތެއް ކުރިން ލިބިފައިނުވި ނަމަވެސް، ޤައުމީ ވާޖިބު އަދާކުރުމުގައި ދިވެހި ސިފައިން ދެއްކެވި ހިތްވަރާއެކު މެދުކެނޑުމެއްނެތި 18 ގަޑިއިރު ވަންދެން ބާޣީންނާ ދެކޮޅަށް ހަނގުރާމަކުރިއެވެ.
މާތްވެގެންވާ އިސްލާމްދީނާއި ޤައުމުގެ އިސްތިޤްލާލް ޙިމާޔަތްކުރުމަށް ދިވެހި ޢަސްކަރިއްޔާއިން ދެއްކެވި ހިކުމަތްތެރިކަމާއި، ޤައުމަށްޓަކައި ޝަހީދުވި ސިފައިންނާއި ރައްޔިތުން ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީގެ ސަބަބުން، ދިވެހި ޢަސްކަރިއްޔާގެ މައި މަރުކަޒަށް ވަނުމަށް ބާޣީން ކުރި ހުރިހާ މަސައްކަތެއް ވަނީ ނާކާމިޔާބުވެ، ދިވެހި ފަސްގަނޑުގައި އެ ޢުދުވާނީ ބާރުތައް ބަލިކަށިވެގެން ގޮސްފައެވެ.
ނޮވެމްބަރު 3 ގެ މަތިވެރި ނަޞްރު ފާހަގަކުރަމުންދާއިރު، އެ ދުވަހު ޤައުމަށްޓަކައި ޖާނުން ފިދާވި 19 ދިވެހިންގެ ޒިކުރާ އައުކޮށް، އެ ބަޠަލުން ޤައުމަށް ދޫކުރެއްވި މިނިވަންކަމުގެ އަމާނާތް ރައްކާތެރިކުރުމަކީ މިއަދުގެ ޖީލުތަކަށް އޮތް އެންމެ މަތީ ވާޖިބުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުން ވަނީ ހަނދާންކޮށްދެއްވާފައެވެ.