ނަސްރުގެ ދުވަހު ކޮންމެ ދިވެހި ރައްޔިތަކު ވެސް ލިބިގަންނަންވީ އެންމެ މުހިންމު ފިލާވަޅަކީ ގައުމު އިސްކުރުމުގެ ފިލާވަޅު ކަމަށް ދިފާއީ އަދި ގައުމީ ހިދުމަތާބެހޭ ވަޒީރު ޙަސަން ރަޝީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ފަހުރުވެރި ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މިއަދު ފޮނުއްވި ހާއްސަ ހިތާބުގައެވެ.
1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވީ ބުރާސްފަތި ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި އުދުވާނީ ހަމަލާގައި ޝަހީދުވި މަތިވެރި އަބްތާލުންގެ ޒިކުރާ އައުކުރައްވަމުން ދިފާއީ ވަޒީރު ވިދާޅުވީ، އެ ދުވަހަކީ ބިރުވެރިކަމާއި ނާމާންކަމުގެ ކަޅުވިލާތަކުން މުޅި ދިވެހި ޖައްވު ބަނަކޮށްލި ހިތާމަވެރި ދުވަހެއް ކަމަށެވެ. އަދި އެއީ އޭރު ރާއްޖޭގައި އޮތް ގާނޫނީ ވެރިކަން ވައްޓާލުމަށްޓަކައި، ދިވެހިންގެ މަދު ހާއިނުންތަކަކާއި ބޭރުގެ ކުލީ ސިފައިން ގުޅިގެން، ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ފޭރިގަތުމަށްޓަކައި ދިން ފިނޑި ހަމަލާއެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

ދުޝްމަނުންގެ ރަހުމެއްނެތް ބަޑީގެ ހަމަލާތަކުގައި ޝަހީދުވި ސިފައިންގެ 8 ބޭކަލުންނާއި، އާންމު ރައްޔިތުންގެ 11 މީހުން ހިމެނޭހެން ޖުމްލަ 19 ދިވެހިންނާއި އަނިޔާވި އެތައް ރައްޔިތުންނެއްގެ ހިތާމަވެރި ހަނދާންތައް އައުކުރައްވަމުން ވަޒީރު ފާހަގަކުރެއްވީ، އެ ދުވަހު ޝަހީދުވި ސިފައިންނާއި އާންމުން ދައްކުވައިދިނީ އަމިއްލަ ފުރާނައަށްވުރެ ގައުމީ މަސްލަހަތު އިސްކުރުމުގެ މަތިވެރި ނަމޫނާ ކަމަށެވެ.
”ނަސްރުގެ ދުވަހުން އަޅުގަނޑުމެން ލިބިގަންނަންވީ އެންމެ މުހިންމު ފިލާވަޅަކީ ދިވެހި ގައުމު އިސްކުރުމުގެ މަތިވެރި ރޫހު. މާތްވެގެންވާ އިސްލާމްދީނާއި ގައުމުގެ ދިފާއުގައި އެ ދުވަހު ޝަހީދުވެދިޔަ ހިތްވަރުގަދަ ސިފައިން ސާބިތުކޮށްދެއްވީ އެ ހަގީގަތް. އެ ބޭފުޅުން ފުރާނައިން ވެވަޑައިގެންނެވި މަތިވެރި ގުރްބާނީން ރައްކާތެރިކޮށްދެއްވީ މި ލޮބުވެތި ވަތަނުގެ މިނިވަންކަމާއި ސިޔާދަތު. އެ ގައުމީ އަބްތާލުންނަށްޓަކައި މުޅި ގައުމު ތާއަބަދު ފަހުރުވެރިވާނެ،“ ވަޒީރު ޙަސަން ރަޝީދު ވިދާޅުވިއެވެ.
މީގެއިތުރުން، ގައުމުގެ ދުޝްމަނުންނާއި ހާއިނުންގެ އެކިއެކި ނުބައި ރޭވުންތަކުން ދިވެހިރާއްޖެ ސަލާމަތްކުރުމުގައި، ކޮންމެ ދިވެހި ރައްޔިތަކީވެސް އެއްބައިވަންތަކަމާއެކު ސާބިތުވެ ހުންނަ ފަރުދަކަށް ވާންޖެހޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ހަމައެހެންމެ، މާތްވެގެންވާ އިސްލާމްދީނަށާއި މި ލޮބުވެތި ވަތަނަށްޓަކައި ކޮންމެ ހިތެއްގައިވެސް އޮންނަ ލޯތްބާއި ގައުމީ ޖޯޝު އަބަދުމެ ވަރުގަދަކުރަންޖެހޭ ކަމަށް ދިފާއީ އަދި ގައުމީ ހިދުމަތާ ބެހޭ ވަޒީރުގެ ހިތާބުގައި ވަނީ ފާހަގަކުރައްވާފައެވެ.