ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންކަން ކުރިން ކުރެއްވި އަދި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ރިލްވާން ޝަރީފް އަވަހާރަވެއްޖެއެވެ.
އޭނާ އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، އުމުރުން 72 އަހަރުގައެވެ.
ރިލްވާނަކީ މާލީ ދާއިރާއިން ފާހަގަކޮށްލެވޭ ފަދަ މުހިންމު ޚިދުމަތްތަކެއް ގައުމަށް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ފުރުއްވާފައިވާ ރިލްވާން ވަނީ އެ މިނިސްޓްރީގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ. ޚާއްސަކޮށް، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ރާއްޖޭގެ މާލީ ނިޒާމަށް ގެނައި މުހިންމު އިސްލާހީ ބަދަލުތައް ގެނައުމުގައި އޭނާ ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.
ސަރުކާރު ތަމްސީލުކުރައްވާ ޑިރެކްޓަރެއްގެ ގޮތުގައި ދިރާގުގެ ބޯޑަށް އައްޔަންކުރެއްވި ރިލްވާން ވަނީ ފެބްރުއަރީ 2015 އާ ހަމައަށް އެ ކުންފުނީގެ ޗެއާމަންގެ މަގާމު އަދާކުރައްވާފައެވެ. ސަރުކާރުގެ އިތުރުން އަމިއްލަ ވިޔަފާރި ކުންފުނިތަކުގައި ވެސް އޭނާ ވަނީ އިސް މަގާމުތަކެއް ފުރުއްވާފައެވެ. އެގޮތުން ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވުމުގެ އިތުރުން، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ޑިރެކްޓަރުކަން ވެސް އޭނާ ވަނީ ކުރައްވާފައެވެ.
އޮސްޓްރޭލިއާގެ މަޝްހޫރު އާރުއެމްއައިޓީ (RMIT) ޔުނިވާސިޓީން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ހާސިލުކުރައްވާފައިވާ ރިލްވާން ޝަރީފަކީ، ރާއްޖޭގެ މާލީ އަދި ކޯޕަރޭޓް ދާއިރާގައި ނުހަނު އިހުތިރާމް ލިބިވަޑައިގެންފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.