އެލްޖީއޭ ބޯޑު މެންބަރުން ހޮވުމުގެ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކޮށްފި؛ ހުރިހާ ގޮނޑިއެއް ޕީއެންސީއަށް

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް އައްޔަނުކުރާ މެމްބަރުން ކަނޑައެޅުމަށްޓަކައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގެ ދާއިމީ ނަތީޖާ އެ އޮތޯރިޓީން މިއަދު އިޢުލާންކޮށްފިއެވެ. އެލްޖީއޭއިން ހާމަކުރި ގޮތުގައި، ދާއިމީ ނަތީޖާއާއެކު ވެސް ކުރިން އިއުލާންކުރި ވަގުތީ ނަތީޖާއަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. މި އިންތިޚާބުގައި ވާދަކުރި ދެ ދާއިރާގެ ގޮނޑިވެސް ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކޮށްފައިވަނީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިންނެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން އެލްޖީއޭގެ ބޯޑަށް 3 މެންބަރުން އިންތިޚާބު ކުރަންޖެހެއެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރެއްގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) ތަކުގެ ރައީސުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރެކެވެ. މީގެ ތެރެއިން ސިޓީ ކައުންސިލްތަކުގެ މެމްބަރުގެ ގޮތުގައި ކުރިމަތިލެއްވީ ހަމައެކަނި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ކަމަށްވާތީ، އޭނާ ވަނީ ވޯޓަކާ ނުލައި އެ މަޤާމަށް އިންތިޚާބުވެވަޑައިގެންފައެވެ.
ރަށު ކައުންސިލަރުންގެ ތެރެއިން އެލްޖީއޭ ބޯޑަށް އައްޔަންކުރާ މެމްބަރުގެ މަޤާމަށް ޕީއެންސީގެ ފަރާތުން ވާދަކުރެއްވި އަލީ އަހުމަދު މި ގޮނޑި ކާމިޔާބުކުރެއްވީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އަލީ ޒާފިރާ ވާދަކުރައްވައެވެ. މި އިންތިޚާބުގައި އަލީ އަހުމަދަށް 314 ވޯޓު ލިބިވަޑައިގެންނެވި އިރު، އަލީ ޒާފިރަށް ލިބިވަޑައިގަތީ 227 ވޯޓެވެ. މުޅި ޖުމްލަ މި ދާއިރާއިން ވޯޓުލުމުގެ ޙައްޤު 807 ފަރާތަކަށް ލިބިފައިވާއިރު، 706 މީހަކު ވަނީ ވޯޓުލާފައެވެ. އެއީ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ 87.5 އިންސައްތައެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން އެލްޖީއޭގެ ބޯޑަށް އިންތިޚާބުވެވަޑައިގެންނެވީ ޕީއެންސީގެ ކެންޑިޑޭޓް މަރިޔަމް ޒީނާއެވެ. ޒީނާ މި މަޤާމު ކާމިޔާބުކުރެއްވީ 93 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް މަރިޔަމް ނީނާއަށް ލިބިވަޑައިގަތީ 67 ވޯޓެވެ. މި ބަޔަށް ވޯޓުލުމަށް 182 މީހަކު ރަޖިސްޓްރީވެފައިވާއިރު، އޭގެ ތެރެއިން 160 މީހަކު ވޯޓުލާފައިވެއެވެ. މިއީ ވޯޓުލުމުގެ ޙައްޤު ލިބިގެންވާ ފަރާތްތަކުގެ 87 އިންސައްތައެވެ.
އެލްޖީއޭގެ މި އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން، ކައުންސިލްތަކާއި އ.ތ.މ ކޮމިޓީތަކުގެ މެދުގައި ވެސް ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީއަށް އޮތް ތާއީދު ބޮޑުކަން ވަނީ ހާމަވެގެން ގޮސްފައެވެ.