މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 4 މީހަކު ހައްޔަރުކޮށްފި.

މާލޭގައި ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މިދިޔަ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނެކެވެ. މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އޭގެ ވިޔަފާރިކޮށް އަދި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަންހެނަކާއި ތިން ފިރިހެނުންނެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ:

މާލެ، މ. ޕިންކްލައިޓް، ޝިވާން އިބްރާހީމް (45އ)
ތ. ތިމަރަފުށި، ޢަލީއާބާދު، އަޙްމަދު މުޙައްމަދު (38އ)
ތ. ތިމަރަފުށި، މާލޭގެއާގެ، އަޒުހަދު ޢަލީމަނިކު (41އ)
ތ. ތިމަރަފުށި، ވިލާ، އާމިނަތު ނިސާ (41އ)

ފުލުހުން ވިދާޅުވި ގޮތުގައި، މި އޮޕަރޭޝަނުގެ ތެރެއިން އެ މީހުން ހައްޔަރުކުރުމަށްފަހު މާލޭގެ ތިން ގެއެއް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 111.15 ގުރާމުގެ ތަކެތި ވަނީ ފެނިފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެ މީހުންގެ ބަންދަށް ކޯޓުން ވަނީ 5 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަ ފުލުހުންގެ ކަމާބެހޭ ޚިދުމަތްތަކުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.