މާފަންނު އާ ހާބަރު ކައިރީގައި ހުންނަ ސިފައިންގެ މައި އެއް މަރުކަޒު ކަމަށްވާ ކަޅުތުއްކަލާކޮށީގައި، ސިފައިންނަށް ހާއްސަކޮށްގެން 15 ބުރީގެ އެކޮމޮޑޭޝަން އަދި ލޮޖިސްޓިކްސް އިމާރާތެއް ޑިޒައިންކޮށް އިމާރާތް ކުރުމުގެ މަސައްކަތް ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަނާ އިއްޔެ ހަވާލުކޮށްފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކުރި ގޮތުގައި މިއީ ސިފައިންގެ ދިގު ތާރީޚުގައި ވެސް މިހާތަނަށް ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް މި ކުންފުންޏާ ހަވާލުކުރި ނަމަވެސް، މި ބިޔަ މަޝްރޫއުގެ ޖުމްލަ އަގު ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވަނީ ބަންޑާރަކޮށީގައެވެ. މި އެއްބަސްވުމުގައި ޑިފެންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު މިޒްނާ އަލީ އެވެ. އަދި ޗައިނާގެ ރޯޓައިމް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޖޯ ވޭދޯން އެވެ.

މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން (ހަސަން ރަޝީދު) އާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ގިޔާސް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، ޑިފެންސް މިނިސްޓްރީގެ އިސްވެރިންގެ އިތުރުން ރޯޓައިމް އިންޖިނިއަރިންގެ އިސް ބޭފުޅުން ވެސް މި ހަފުލާގައި ބައިވެރިވެވަޑައިގަތެވެ.
ދިވެހި އަސްކަރިއްޔާގެ އެންމެ މުހިންމު އެއް މަރުކަޒުގައި ސިފައިންގެ އޮޕަރޭޝަންތަކާއި ލޮޖިސްޓިކްސް ބަލަހައްޓާ މިފަދަ މައި އިމާރާތެއް ޑިޒައިން ކުރުމާއި އިމާރާތް ކުރުމުގެ މަސައްކަތް ބޭރުގެ ކުންފުންޏަކާ ހަވާލުކުރި ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މި މަޝްރޫއު ނިމުމުން ސިފައިންގެ އެކޮމޮޑޭޝަނަށާއި ލޮޖިސްޓިކްސް ކަންކަމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.