ނަޞްރުގެ ދުވަހަކީ ދިވެހިންގެ ސިޔާދަތާއި މިނިވަންކަމަށް ލޯބިކުރާ މިންވަރު ސާބިތުކޮށްދިން ދުވަހެއް: ރައީސް މައުމޫން.

ނަޞްރުގެ ދުވަހަކީ ރާއްޖޭގެ މިނިވަންކަމާއި، އަމިއްލަވަންތަކަމާއި ސިޔާދަތަށް ދިވެހި ރައްޔިތުން ލޯބިކުރާ މިންވަރު މުޅި ދުނިޔެއަށް ސާބިތުވެގެންދިޔަ ދުވަހެއް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގެ ފަޚުރުވެރި ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް މައުމޫންގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ރާއްޖޭގެ ފަޚުރުވެރި ނަޞްރުގެ ދުވަހަކީ ދިވެހި ރައްޔިތުންގެ ޤައުމީ ލޯތްބާއި ޤައުމީ ޝުޢޫރުތައް އެންމެ މަތީ ދަރަޖައަކަށް އުތުރިއަރައިގެންދާ ދުވަހެކެވެ. އަދި މިއީ ދިވެހިންގެ ހިތްވަރާއި ފަންވަރު އެންމެ ފުރިހަމަ ގޮތުގައި ވިދާ ބަބުޅައިގެންދާ ތާރީޚީ ދުވަހެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަށް ދިވެހިން ކުރާ އިޙްތިރާމާއި ލޯބި ހާމަވެގެންދިޔަ މި ޙާދިސާއަކީ، މީގެ 38 އަހަރު ކުރިން ދިވެހި ރައްޔިތުން އެކަތިގަނޑެއްގެ ގޮތުގައި ތިބެ މުޅި ދުނިޔެއަށް ސާބިތުކޮށްދިން މަތިވެރި ޙަޤީޤަތްތަކެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ނަޞްރުގެ ދުވަހުގެ އިޚްލާޞްތެރި ހެޔޮއެދުންތައް ފޮނުއްވަމުން ރައީސް މައުމޫން ވަނީ، ފުރިހަމަ މިނިވަން މުސްލިމް ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އަބަދަށްޓަކައި ލެހެއްޓެވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައެވެ.
ދިވެހިރާއްޖޭގައި ކޮންމެ އަހަރަކުވެސް ނަޞްރުގެ ދުވަސް ފާހަގަކުރަމުން އަންނަނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު، ދިވެހިންގެ މަދު ޚާއިނުންތަކަކާ ގުޅިގެން ސްރީލަންކާގެ ޕްލޮޓް ޖަމާޢަތުގެ ޓެރަރިސްޓުން ވެރިރަށް މާލެއަށް ދިން ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ދެކޮޅަށް ދިވެހި ޤައުމީ ދިފާޢީ ބާރުންނާއި ރައްޔިތުން ކުރެއްވި މަތިވެރި ޖިހާދާއި، ޤައުމަށް ލިބުނު ފުރިހަމަ ނަޞްރުގެ ޒިކުރާ އައުކުރުމުގެ ގޮތުންނެވެ.
މި ނުރައްކާތެރި ހާދިސާގައި ޤައުމުގެ ދިފާޢުގައި ހަނގުރާމަކުރި ދިވެހި ސިފައިންގެ 8 ބޭކަލަކާއި، އާންމު ރައްޔިތުންގެ ތެރެއިން 11 މީހުން ހިމެނޭހެން ޖުމްލަ 19 ދިވެހިން ވަނީ ޝަހީދުވެފައެވެ.
އެ ދުވަހުގެ ޢުދުވާނުން ޤައުމާއި ރައްޔިތުން ސަލާމަތްކުރައްވައި، ރާއްޖޭގެ މިނިވަންކަން ދިފާޢުކުރެއްވުމަށްޓަކައި، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމާއި ސިފައިންގެ އިސްވެރިން ވަނީ ބޭރުގެ އެކުވެރި ޤައުމުތަކުގެ އަސްކަރީ އެހީތެރިކަން ހޯއްދެވުމަށް ނުހަނު މުހިންމު އަދި ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ.