“އުފަކާރަ” ތަމްރީން ޕްރޮގްރާމް މާލެ ސިޓީގައި ނިންމުމުގެ ރަސްމިއްޔާތު މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި

ކާބޯތަކެތި އުފައްދާ އަދި ވިއްކާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ “އުފަކާރަ” ތަމްރީން ޕްރޮގްރާމް މާލެ ސިޓީގައި ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގެ ކޮންފަރެންސް ހޯލްގައި މިރޭ ބޭއްވި މި ޚާއްޞަ ރަސްމިއްޔާތުގައި، މާލެ ސިޓީން މި ތަމްރީން ޕްރޮގްރާމް ފުރިހަމަކުރި ޖުމްލަ 19 ފަރާތަކަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ މެޑަމް ސާޖިދާ މުޙައްމަދުއެވެ. މީގެ އިތުރުން، މި ޕްރޮގްރާމްގައި ފެސިލިޓޭޓްކޮށްދެއްވި 17 ފެސިލިޓޭޓަރުންނަށްވެސް އެކަމަނާ ވަނީ ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ.

“އުފަކާރަ” ތަމްރީނު ޕްރޮގްރާމަކީ ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު ރަނގަޅު ކުރުމަށްޓަކައި، ކާބޯތަކެތި އުފައްދާ، ތައްޔާރުކުރާ އަދި ވިއްކާ ފަރާތްތައް އަހުލުވެރިކުރުވުމުގެ މަޤްޞަދުގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން 2017 ވަނަ އަހަރު ފެށި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ މުހިންމު މަޢުލޫމާތާއި ހުނަރުތައް ބައިވެރިންނަށް ލިބިގެންދެއެވެ.

2017 ވަނަ އަހަރުން ފެށިގެން މިހާތަނަށް ގްރޭޓަރ މާލޭ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި ޕްރޮގްރާމް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ޅ. އަތޮޅު، މ. އަތޮޅު، ހދ. ކުޅުދުއްފުށި، ނ. ވެލިދޫ، ޏ. ފުވައްމުލައް، ލ. އަތޮޅު އަދި ފ. އަތޮޅުގައި މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ހިންގާފައިވެއެވެ.

މިރޭ ބޭއްވި މި ރަސްމިއްޔާތުގައި ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު، އަލްފާޟިލާ ޤީލާ ޢަލީގެ އިތުރުން، އެ ވުޒާރާގެ އިސްވެރިންނާއި ކަމާގުޅޭ މުއައްސަސާތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ކާބޯތަކެތީގެ ރައްކާތެރިކަމަކީ އާންމު ޞިއްޙަތާ ސީދާ ގުޅުންހުރި ކަމަކަށްވާތީ، މިފަދަ ތަމްރީންތަކަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބިގެންދާ މުހިންމު ކުރިއެރުމެއްކަން ފާހަގަކުރެވެއެވެ.