ދިވެހި އަސްކަރިއްޔާއަށް އެންމެ ބޮޑު ތަރައްގީއެއް އަދި ކުރިއެރުމެއް އައިސްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ދައުރުގެ ތެރޭގައި ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވެއްޖެއެވެ.
މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ މިހެން ވިދާޅުވީ، މިއަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން މާލޭގައި ބޭއްވި ސިފައިންގެ ހެވިކަމުގެ ހަރަކާތްތައް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވަނީ ފާއިތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި އަސްކަރިއްޔާއަށް އައިސްފައިވާ ބޮޑެތި ބަދަލުތަކާއި ހޯދިފައިވާ ކުރިއެރުންތަކުގެ ތަފްސީލު ހިއްސާކުރައްވާފައެވެ.
ހިލްމީ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ރާއްޖޭގެ މިނިވަންކަން ދިފާޢު ކުރުމަށާއި ސަރަހައްދު އަމިއްލައަށް ބެލެހެއްޓުމަށް އަސްކަރިއްޔާ ތަރައްގީކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ފައްޓަވާފައިވާ ކަމަށެވެ. އެގޮތުން، ރާއްޖޭގެ ސަރަހައްދު ވައިގެ މަގުން ބެލެހެއްޓުމަށްޓަކައި ޔޫއޭވީ (ޑްރޯން) ތަޢާރަފްކޮށް އެމްއެންޑީއެފް އެއަރކޯ އުފައްދަވާފައިވާ ކަމަށާއި، އައްޑޫ ގަމުގައި އެއަރ ސްޓޭޝަނެއް ގާއިމުކޮށް، ށ. ފޮނަދޫގައިވެސް އެއަރ ސްޓޭޝަނެއް އެޅުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ވައިގެ އަސްކަރީ ގާބިލުކަން އިތުރުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.

ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ކޯސްޓްގާޑުގެ ފްލީޓަށް ތުރުކީ ވިލާތުގެ ނޭވީ މަނަވަރަކާއި، އޮސްޓްރޭލިއާގެ މަނަވަރެއް ހޯއްދަވައިދެއްވާފައިވާ ކަމަށް ޗީފް ވިދާޅުވިއެވެ. މީގެއިތުރުން ސަރުކާރުން ހޯދުމަށް ނިންމާފައިވާ 20 އިންޓަސެޕްޓަރ ބޯޓުގެ ތެރެއިން މިހާރު 5 ބޯޓު ލިބިފައިވާ ކަމަށާއި، ސީ އެމްބިއުލާންސް ފްލީޓަށް އިތުރު 12 އުޅަނދު އިތުރުކުރުމުގެ މަސައްކަތް ވެސް ފެށިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ކަނޑުމަތީގެ ސަލާމަތީ ކަންކަން ހަރުދަނާކޮށް އަވަސް ޚިދުމަތެއް ދިނުމަށް ވިލިމާލޭގައި ޒަމާނީ ވަސީލަތްތަކާ އެކު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު ގާއިމުކޮށްފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދެއްވައި ފަޔަރ އެންޑް ރެސްކިޔު ސަރވިސް ފުޅާކުރުމަށްޓަކައި އދ. މާމިގިލީގައި ފަޔަރ ސްޓޭޝަނެއް ގާއިމުކޮށް، ކ. މާފުށީގައި އެ ޚިދުމަތް ފަށާފައިވާއިރު، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އަލިފާން ނިއްވުމުގެ ޚިދުމަތް ގާއިމުކުރުމަކީ ރައީސް މުޢިއްޒުގެ ތަސައްވުރެއް ކަމަށް ހިލްމީ ވިދާޅުވިއެވެ.
ސިފައިންގެ ތަރައްގީއަށް ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ހިލްމީ ވިދާޅުވީ، މިއީ ސިފައިންގެ ލަޝްކަރު ވަރުގަދަކުރުމަށް އެންމެ ބޮޑު ހޭދައެއް ކުރަމުންދާ ރިޔާސީ ދައުރު ކަމަށެވެ.
”މިއީ ސިފައިން ތަރައްގީކުރުމަށް އެންމެ ގިނަ މަސައްކަތްތަކެއް، އެންމެ ބޮޑު ހޭދައެއް ކުރަމުންދާ ރިޔާސީ ދައުރު ކަމުގައި މިދަންނަވަނީ ޝުކުރުވެރިކަމާއެކު. މިއީ އަޅުގަނޑެކޭ އެއްފަދައިން ކޮންމެ ސިފައިންގެ މީހެއްގެވެސް އިހުސާސް،“ ހިލްމީ ވިދާޅުވިއެވެ.
އަސްކަރިއްޔާގެ އިންފްރާސްޓްރަކްޗަރ އަދި ތަމްރީނު ވަސީލަތްތައް ތަރައްގީކުރުމުގެ ގޮތުން ޅ. މާފިލާފުށި ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރާއި، ބ. ކިހާދޫގައި ލޮޖިސްޓިކްސް ސްކޫލް އަދި ސ. ގަމާއި ލ. ކައްދޫގެ ތަމްރީނު މަރުކަޒުތައް އިތުރަށް ތަރައްގީ ކުރެވެމުންދާ ކަމަށާއި، ގިރިފުށީގެ ބިން 3 ގުނައަށް ބޮޑުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، އިންސާނީ ވަސީލަތް އިތުރުކުރުމުގެ ގޮތުން މި ސަރުކާރުން މިހާތަނަށް އަލަށް 806 ޒުވާނުން ސިފައިންގެ ޚިދުމަތަށް ނެރެދީފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ސިފައިންގެ ވެލްފެއަރ ހަރުދަނާކޮށް ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް ކަޅުތުއްކަލާކޮށީގައި 15 ބުރީގެ އިމާރާތެއް އެޅުމުގެ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވާއިރު، ބަނޑޭރިކޮށި 1 ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.