ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ނޮވެންބަރު 3 ގެ އައްޑަނަ ފަސް ބޭފުޅަކަށް އަރުވައިފި.

ދިވެހިރާއްޖޭގެ ފަޚުރުވެރި ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާގައި، ނޮވެންބަރު 3 ގެ އައްޑަނަ ފަސް ބޭފުޅަކަށް އަރުވައިފިއެވެ. މި ބޭފުޅުންނަށް އައްޑަނަ ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.
ރޭގެ ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވުމުން އެ ދެކަނބަލުންނަށް މަރުޙަބާ ދަންނަވައި އިސްތިޤްބާލުކުރެއްވީ، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. މި ޖަލްސާ ރަސްމީކޮށް ފެށުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ރިޔާސީ ކުރުނީހެއް އަރުވާފައެވެ.

މި ޖަލްސާގައި ނޮވެންބަރު 3 ގެ އައްޑަނަ އެރުވުނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދެވުނު ޢުދުވާނީ ޙަމަލާގެ ވަގުތުގައި، ޤައުމުގެ ދިފާޢުގައި އެންމެ ފުރަތަމަ ރެކީ ޕެޓްރޯލަށް ނިކުމެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވި 5 ބޭފުޅުންނަށެވެ. އެ ބޭފުޅުންނަކީ:

ސަރޖެންޓް ފަސްޓްކްލާސް (ރިޓަޔަރޑް) އިބްރާހީމް ޝަރީފް
ސްޓާފް ސަރޖެންޓް (ރިޓަޔަރޑް) ޙުސައިން ޢަލީ
ސަރޖެންޓް (ރިޓަޔަރޑް) ޙުސައިން މަނިކު
ކޯޕްރަލް (ރިޓަޔަރޑް) ޢަބްދުﷲ ނަސީމް
ލާންސް ކޯޕްރަލް (ރިޓަޔަރޑް) ޢަބްދުﷲ މުފީދު

މީގެ އިތުރުން، މި ޖަލްސާގައި ނޮވެންބަރު 3 ގެ ޣަދަރުވެރި ޙަމަލާ ސިފަކޮށްދޭ ޚާއްޞަ ތަމްސީލެއް ”ލޭގެ ޖިހާދު“ ގެ ނަމުގައި ދިވެހި ސިފައިން ވަނީ ހުށަހަޅައިދީފައެވެ. އަދި ދިވެހި ސިފައިންގެ ޤައުމީ ލަވަ އަލްބަމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނެރެދެއްވާފައެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.
ކުލަގަދަކޮށް ބޭއްވުނު މި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދާއި، ދައުލަތުގެ ވަޒީރުންނާއި، ދަޢުލަތުގެ ޢިއްޒަތްތެރިންނާއި އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.