ފުލުހުންގެ ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ. މި މަޤާމަކީ ސްޕެޝަލް ކޮންސްޓަބިއުލަރީ ފުލުހެއްގެ ދައުރު އަދާކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށްޓަކައި ހުޅުވާލެވިފައިވާ ފުރުސަތެކެވެ.
ދިވެހި ސަރުކާރުގެ ގެޒެޓުގައި ފުލުހުންގެ ޚިދުމަތުން ޝާއިއުކޮށްފައިވާ އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަޤާމުގެ މުސާރައަކީ މަހަކު -/15،500 (ފަނަރަ ހާސް ފަސްސަތޭކަ) ރުފިޔާއެވެ. މި ވަޒީފާއަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 15 ވާ ދުވަހުގެ ހަވީރު 16:00 އެވެ. އެހެންކަމުން، މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ފުރިހަމަކޮށްފައިވާ ފޯމާއި ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް އެ މުއްދަތުގެ ކުރިން ހުށަހަޅަންޖެހެއެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00 އިން 16:00 އަށެވެ.
ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލްގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި:

މީލާދީ ގޮތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކު ކަމުގައިވުން.
އިސްކޮޅުގެ ގޮތުން ފިރިހެނެއް ނަމަ 5 ފޫޓް 5 އިންޗި، އަދި އަންހެނެއް ނަމަ 5 ފޫޓް 2 އިންޗި ހަމަވުން.
އެސް.އެސް.ސީ އިމްތިހާނުން 2 މާއްދާއިން ދަށްވެގެން ”ސީ“ ފާސް ލިބިފައިވުމާ އެކު، ޖީ.ސީ.އީ އޯ ލެވެލް އިމްތިހާނުން މަދުވެގެން 2 މާއްދާއިން ދަށްވެގެން ”ސީ“ ފާސް ހާސިލުކޮށްފައިވުން ނުވަތަ އެއާ އެއްވަރުގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ ގްރޭޑް 10 ނިންމާފައިވުމާ އެކު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާ އަދާކުރުމަށް ބޭނުންވާނެ ފަދަ ޚާއްސަ ފަންނީ ހުނަރެއް ލިބިފައިވުން.
މީގެ އިތުރުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ރެކްރޫޓްކުރެވޭ ފުލުހުންގެ ކިބައިގައި ހުންނަންޖެހޭ އާންމު ޝަރުތުތައް ފުރިހަމަވާ މީހަކު ކަމުގައިވުން ހިމެނެއެވެ.

ފުލުހުންގެ އިދާރާއިން ހާމަކުރި ގޮތުގައި މި ވަޒީފާއަށް މީހުން ހޮވުމުގައި ފިޒިކަލް ފިޓްނަސް ޓެސްޓާއި، ފެތުމުގެ ޓެސްޓާއި، މެޑިކަލް އެގްޒަމިނޭޝަން، ޕޮލިގްރާފް ޓެސްޓް، އިންޓަވިއު އަދި ބެކްގްރައުންޑް އެސެސްމަންޓް ކުރިއަށްގެންދެވޭނެއެވެ. އަދި އިންޓަވިއުއަށް ދައުވަތު ދެވޭނީ ޝަރުތު ހަމަވެ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ. ވަޒީފާއަށް މީހުން ހޮވުމުގައި އިސްކަންދެވޭނީ މި އެސެސްމަންޓްތަކުން އެންމެ މަތީ މާކްސް ހޯދާ ފަރާތްތަކަށެވެ.
މި ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، ކުށުގެ ރެކޯޑު ބަލާ ފޯމު ފުލުހުންގެ ރަސްމީ ވެބްސައިޓުން މިހާރު ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް ވެސް ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއެވެ.