ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ފަރާތްޕުޅުން ދިވެހިރާއްޖެއަށް މި އަހަރު ހަދިޔާކުރެއްވި 50 ޓަނުގެ ކަދުރު، އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން މިއަދު އާންމުންނަށް ދޫކުރަން ފަށައިފިއެވެ.
މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަޙައްދުގައި ކަދުރު ބެހުމުގެ އިންތިޒާމު ހަމަޖެހިފައިވާއިރު، ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރުފަހު 1:00 އަށް މި މަސައްކަތް ކުރިއަށްދާނެ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ. މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ކަދުރު ދޫކުރާނީ އެމީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި، ގޭގެ އެޑްރެހުގެ އިތުރުން ކަރަންޓު މީޓަރު ނަންބަރު ޗެކްކުރުމަށް ފަހުގައެވެ.
މާލެ ސަރަޙައްދުގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ރަށްރަށާއި ސިޓީތަކަށް ވެސް ކަދުރު ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން، ލޯކަލް ކައުންސިލްތައް މެދުވެރިކޮށް އަތޮޅުތެރެއަށް ކަދުރު ބަހާނީ ކޮންމެ ސަތޭކަ ގޭބިސީއަކަށް ފަންސާސް ޕެކެޓުގެ މަގުން، ކޮންމެ ގެއަކަށް ޕެކެޓެއް ލިބޭނެ އުޞޫލަކުންނެވެ. އަދި މިގޮތަށް ދޫކުރާނީ އެ ރަށަކަށް ކަނޑައަޅާފައިވާ ކޯޓާ ހުސްވަންދެން ކަމަށް ވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބަޔާންކުރެއެވެ.
ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު އޮންނަ ގާތް އުޚުއްވަތްތެރި ގުޅުމުގެ ތެރެއިން، ކިންގް ސަލްމާން ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން ވޭތުވެދިޔަ 22 އަހަރު ދުވަހު މެދުކެނޑުމެއްނެތި ރާއްޖެއަށް އަންނަނީ ކަދުރު ހަދިޔާކުރަމުންނެވެ. މީގެ އިތުރުންވެސް، ސަޢުދީގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާއިތުވި ދުވަސްތަކުގައި ވަނީ އިތުރު 10 ޓަނުގެ ކަދުރު ދިވެހި ސަރުކާރާ ހަވާލުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ އިސްލާމީ ޤައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ސަޢުދީން މިއަހަރު ހަދިޔާކުރި މި ކަދުރަކީ ދިވެހި ރައްޔިތުންނަށް ވެދެއްވި ވަރަށް ބޮޑު އެހީތެރިކަމެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރައްވައެވެ.