ނައިފަރު ބިން ހިއްކުމުގެ މަސައްކަތުގެ 95 އިންސައްތަ ނިމިއްޖެ

ފާދިއްޕޮޅު ނައިފަރުގެ ބިން ހިއްކުމުގެ މަސައްކަތުގެ 95 އިންސައްތަ ނިމިފައިވާ ކަމަށް، އެ މަސައްކަތް ކުރިއަށް ގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.


އެމްޓީސީސީ އިން ހާމަކުރި ގޮތުގައި، މި މަޝްރޫޢުގެ ދަށުން ރިވެޓްމަންޓް ޖެހުމަށް ބޭނުންވާ ބޮޑުހިލަ މިހާރު ވަނީ ނައިފަރުގެ މަސައްކަތުގެ ސައިޓަށް ގެންގޮސްފައެވެ. މީގެ އިތުރުން، މުޅި މަޝްރޫޢުގެ ޖުމްލަ މަސައްކަތުގެ 70 އިންސައްތަ މިހާތަނަށް ފުރިހަމަކުރެވިފައިވާ ކަމަށް ވެސް އެ ކުންފުނިން ވަނީ ބަޔާންކޮށްފައެވެ. އަދި މި މަޝްރޫޢުގެ މަސައްކަތްތައް ތާވަލުކުރެވިފައިވާ މުއްދަތަށްވުރެ ހަލުވިކަމާ އެކު ކުރިއަށްދާ ކަން ވެސް އެމްޓީސީސީ އިން ވަނީ ފާހަގަކޮށްފައެވެ.
ފާދިއްޕޮޅު ނައިފަރަކީ ރާއްޖޭގެ އާބާދީ ބޮޑު އެއް ރަށްކަމަށްވެފައި، ރަށުގެ ތަރައްޤީ އަށް ބިން ހިއްކުމަކީ ވަރަށް މުހިންމު ބޭނުންތެރިކަމެކެވެ. މި މަޝްރޫޢުގެ ދަށުން 44.80 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 1،813 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 474 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 803 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.
މި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް 679.03 މިލިއަން ރުފިޔާ އަށް 630 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީ އާ ހަވާލުކޮށްފައިވެއެވެ. ނައިފަރު ބިން ހިއްކުމުގެ މި ބޮޑު މަޝްރޫޢު ފެށިގެންދިޔައީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ނައިފަރަށް ކުރެއްވި ދަތުރުފުޅުގައި، ރަސްމީކޮށް ބިން ހިއްކުމުގެ މަސައްކަތް އިފްތިތާހު ކޮށްދެއްވުމާ ގުޅިގެންނެވެ.