ނަމާދުކުރުމުގެ ސަބަބުން ހުތުރުކަންބޮޑު ފާފަތަކާއި، މުންކަރާތްތަކާ ދުރުހެލިވެވޭނެ: ހުކުރު ޙުތުބާ

މިއަދު ދިވެހިރާއްޖޭގެ މިސްކިތްތަކުގައި ދެވުނު ހުކުރު ޙުތުބާގައި، ފަރުވާކުޑަކޮށް، އާދަކާދައިގެ މަތީން ކޮށްލާކަމެއްގެ ގޮތުގައި ނަމާދުކޮށްގެން، މާތް ﷲ އެ ނަމާދު ޤަބޫލުނުކުރައްވާނެކަމަށް ބާރުއަޅުއްވައިފިއެވެ. ”ނަމާދުގައި ޚުޝޫޢަތްތެރިވުން“ މި މައުޟޫއަށް ދެވުނު މި ޙުތުބާގައި، ނަމާދަކީ ދީނުގެ އެންމެ މުހިންމު އަޅުކަންކަން ފާހަގަކުރެއްވިއެވެ.
ޙުތުބާގައި ވިދާޅުވީ، އީމާންވުމަށް ފަހު، އަޅާގެ މައްޗަށް އެންމެ މުހިންމު އަޅުކަމަކީ ނަމާދުކަމަށާއި، ނަމާދަކީ ދީނުގެ ތަނބުކަމަށެވެ. ޤިޔާމަތްދުވަހު ހިސާބުބެއްލެވޭ ހިނދު، ޚުޝޫޢަތްތެރިކަމާއެކު ފުރިހަމައަށް ނަމާދު އަދާކޮށްފައި ހުރުން ވަރަށް މުހިންމުކަމަށް ޙުތުބާގައި ބަޔާންކުރެއްވިއެވެ. އެއީ ނަމާދާނުލައި، އެހެނިހެން ޢަމަލުތައް ޤަބޫލުވެވިގެންނުވާނޭ އަޅުކަމަކަށް ވާތީކަމަށް ވެސް ޙުތުބާގައި ފާހަގަކުރެއްވިއެވެ.
މުސްލިމުން، ފަރުޟު ފަސް ނަމާދު އަދާކުރުމަށްފަހު، ހުންނަން ޖެހޭނީ، ތާހިރުކަންމަތީ، ދެއްކުންތެރިކަމެއް ނެތި، މަޑުމައިތިރިކަމާއި ޚުޝޫޢަތްތެރިކަމާއެކު މާތް ﷲއަށް ހިތް ނިޔަތް ޚާލިޞްކޮށްގެންވާ ޙާލުގައިކަމަށް ޙުތުބާގައި ވަނީ ވިދާޅުވެފައެވެ. އަދި ފަރުވާކުޑަކޮށް، އާދަކާދައިގެ މަތީން ކޮށްލާކަމެއްގެ ގޮތުގައި ނަމާދުކޮށްގެން، މާތް ﷲ އެ ނަމާދު ޤަބޫލެއްނުކުރައްވާނެކަމަށާއި، ކާމިޔާބުވާނޭ ބަޔަކީ، ނަމާދުގައި ޚުޝޫޢަތްތެރިވެ ބިރުވެތިވާ މީހުންކަމަށް ޙުތުބާގައި ބަޔާންކުރެއްވިއެވެ.
ޙުތުބާގައި އިތުރަށް ވިދާޅުވީ، ފަރުވާކުޑަކޮށް، ޣާފިލުވެ ތިބެގެން ނަމާދުކުރާ މީހުންނަށް ދަރުމައެއް ނެތްކަމަށާއި، އޭގެ ބަދަލުގައި އެފަދަ މީހުންނަށް ހުރީ ގެއްލުމާއި ހަލާކުކަމަށެވެ. އެހެންކަމުން ނަމާދުގައި ޚުޝޫޢަތްތެރިވުމަކީ ވަރަށް މުހިންމު ކަމެއްކަން ޙުތުބާގައި ފާހަގަކުރެއްވިއެވެ. ނަމާދުކުރާންވީ ގޮތަށް، ބިރުވެތިކަމާއި ޚުޝޫޢަތްތެރިކަމާއެކު އެ އަޅުކަން އަދާކުރާ މީހުންނަށް، އުޚުރަވީ ޙަޔާތުގައި ލިބޭނޭ ސަވާބާއި ދަރުމައިގެ އިތުރަށް، އެ މީހުންގެ ދުންޔަވީ ޢަމަލުތައް ވެސް ހެޔޮވެ، ޞާލިޙުވާނެކަމަށް ޙުތުބާގައި ވިދާޅުވިއެވެ.
ނަމާދުކުރުމުގެ ސަބަބުން ހުތުރުކަންބޮޑު ފާފަތަކާއި، މުންކަރާތްތަކާ ދުރުހެލިވެވޭނެކަމަށް ޙުތުބާގައި ބަޔާންކުރެއްވިއެވެ. ވައްކަމާއި، ރިޝްވަތާއި، މައިންބަފައިންނަށް އުރެދުމާއި، ބުހުތާނު ދޮގުހެދުން ފަދަ ފާޙިޝު ޢަމަލުތައް ނުކުރާނޭކަމަށް ވެސް ޙުތުބާގައި ފާހަގަކުރެއްވިއެވެ. ނަމަވެސް ނަމާދުކޮށް އުޅޭ މުސްލިމުންގެ ތެރޭގައި، މި ފަދަ ޢަމަލުތައް ކުރާމީހުން މަދެއްނޫންކަމަށާއި، މިއީ އަމިއްލަ ނަފުސާ ސުވާލުކުރާން ޖެހޭނޭ ކަމެއްކަމަށް ޙުތުބާގައި ވިދާޅުވިއެވެ.
”ނަމާދަކީ ތިމާގެ ޙަޔާތުގައި އެންމެ އިސްކަންދޭ އަޅުކަންކަމުގައި ހަދާށެވެ. އެއީ ތިމާއަށް ވަގުތެއް ވީމާ ކޮށްލައި އުޅޭ ކަމަކަށްނަހަދާށެވެ! ނަމާދަކީ އެ އަޅުކަމަށް ވަގުތު ހުސްކޮށްގެން ކުރާހިތުން ގަޔާވެގެން އޭގެ ވަގުތުގައި އަދާކުރާ އަޅުކަމަކަށްހަދާށެވެ! ނަމާދަށް ހުންނަ އިރު، އެ ހުރެވެނީ ތިމާގެ ޚާލިޤުވަންތަ اللّٰهއާ މުނާޖާދަންނަވާންކަން ހަނދުމަކުރާށެ“ ޙުތުބާގައި ވަނީ މިފަދައިން ބާރުއަޅުއްވާފައެވެ.
ނަމާދުގައި ޚުޝޫޢަތްތެރިވުމަށްޓަކައި ކުރެވިދާނެ ކަންތައްތަކެއް ޙުތުބާގައި ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި، ފޭރާން ކޮށިކޮށް ނެއުޅުމާއި، އިސްތަށިގަނޑު ރީތިކޮށް ނެއުޅުމާއި، މާގިނައިން ތަންތަން ނުކެހުން ހިމެނެއެވެ. އަދި ނަމާދުކުރާން ތިބޭ އެހެން މީހުންނަށް އުނދަގޫވާ ވަރަށް، ނަމާދުގައި ކިޔާ ތަކެތި އަޑުހަރުކޮށް ނުކިޔުމާއި، ޖަމާޢަތުގެ ނަމާދުގައި އިމާމާ ފިޔަވައި، އަދި އާމީން ކިޔުން ފިޔަވައި ދެން ތިބި މީހުން، ނަމާދުގައި ކިޔާތަކެތި ކިޔާނީ ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ނަފުސަށް އިވޭ ވަރަށް ސިއްރުންކަމަށް ވެސް ވިދާޅުވިއެވެ.
ޒަމާނީ ދިރިއުޅުމުގެ ސަބަބުން ނަމާދަށް އަންނަ ހުރަސްތަކަށް ވެސް ޙުތުބާގައި އަލިއަޅުވައިލެއްވިއެވެ. އެގޮތުން، ނަމާދަށް ފެށުމުގެ ކުރީން، މޯބައިލް ފޯނުތައް ނިންވާލުމަކީ ނަމާދުގައި ޚުޝޫޢަތްތެރިވުމަށް މިއަދު ކުރެވިދާނޭ ކަމެއްކަމަށާއި، ނަމާދުގަޑީގައި މީހުންނާ ފޯނުން ނުގުޅުމަކީ ވެސް، ނަމާދަށް ތިބޭ މީހުން ޚުޝޫޢަތްތެރިވުމަށް ކޮށްދެވިދާނެކަމެއްކަމަށް ވިދާޅުވިއެވެ. ނަމާދަށް ތިއްބައި، ފޯނު ރަނގަބީލުވާ އަޑު އިވުމަކީ، ނަމާދަށް ތިބޭ މީހުންނަށް އުނދަގޫވާނެކަމެއްކަން ފާހަގަކުރައްވާ، ނަމާދުކުރާ ތަނުގައި، ޤިބުލައާވީ ފަޅީގައި، ތަޞްވީރުތަކާއި ކުރެހުންތައް ހުންނަ ތަކެތި ބެހެއްޓުމަކީ ވެސް ނަމާދަށް ޚަލަލު އަންނާނޭ ކަމެއްކަމަށް ޙުތުބާގައި ވިދާޅުވިއެވެ.