ސްރީލަންކާގެ އެއަރޕޯޓުން 1.1 ބިލިއަން ރުޕީސްގެ މަސްތުވާތަކެއްޗާއެކު 22 ފާދިރީން ހައްޔަރުކޮށްފި

ސްރީލަންކާގެ ކަޓުނަޔަކެގައި ހުންނަ ބަންޑާރަނައިކޭ އިންޓަނޭޝަނަލް އެއާޕޯޓުން 1.1 ބިލިއަން ރުޕީސްގެ މަސްތުވާތަކެތި އަތުލައިގަނެ، އެ މައްސަލާގައި ބުޑިސްޓް ދީނުގެ 22 ފާދިރީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ ގައުމުގެ ލޯކަލް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، މި ތަކެތި ފެނިފައިވަނީ ސްކޫލް ސާމާނާއި އެކި ބާވަތްތަކުގެ ފޮނިކާތަކެތި އަޅާފައި ހުރި 30 ސޫޓްކޭހެއްގެ ތެރޭގައި ވަރަށް ބޮޑަށް ފޮރުވާފައި ވަނިކޮށެވެ. އަތުލައިގަތް ތަކެތީގެ ތެރޭގައި 110 ކިލޯއަށް ވުރެ ގިނަ ”ކުޝް“ އާއި ”ހެޝިޝް“ ހިމެނޭ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ ތަހުގީގު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ހައްޔަރު ކުރެވުނު ފާދިރީންގެ ގްރޫޕުން މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހު ތައިލެންޑުގެ ބެންކޮކަށް ދަތުރުކޮށްފައިވަނީ ހާއްސަ ސްޕޮންސަރަކު ހަމަޖައްސާފައިވާ އެއާލައިން ޓިކެޓްތަކެއްގައެވެ. އަދި އެމީހުންގެ މޯބައިލް ފޯނުތަކުން ފެނުނު ހެކިތަކުން އެނގޭ ގޮތުގައި، ގައުމުން ބޭރުގައި އުޅުނުއިރު އެމީހުން އުޅެފައިވަނީ ފާދިރީންގެ ހެދުމުގެ ބަދަލުގައި އާދައިގެ އާންމު ހެދުމުގައެވެ. މިކަން ސާބިތުވާ ފޮޓޯ އާއި ވީޑިއޯތައް ފުލުހުންގެ ތަހުގީގަށް ވަނީ ލިބިފައެވެ.

މިއީ ބަންޑާރަނައިކޭ އިންޓަނޭޝަނަލް އެއާޕޯޓުގެ ތާރީހުގައި ވެސް މިހާތަނަށް މަސްތުވާތަކެތި އަތުލައިގަތް އެންމެ ބޮޑު މައްސަލަ ކަމަށް ކަމާބެހޭ އިދާރާތަކުން ސިފަކުރެއެވެ. އަދި މަސްތުވާތަކެތީގެ މިފަދަ ބޮޑު ކޮންސައިންމަންޓަކާ އެކު، ފައްޅިތަކުގައި އުޅޭ ގިނަ އަދަދެއްގެ ފާދިރީންތަކެއް އެއްފަހަރާ ހައްޔަރުކުރި މިއީ ފުރަތަމަ ފަހަރު ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.