65 އަހަރުން މަތީގެ މީހުން ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ސިވިލް ސަރވިސް ކޮމިޝަނުން ހުޅުވާލައިފި

ސިވިލް ސަރވިސްގެ ވަޒީފާތަކުގައި އުމުރުން 65 އަހަރު ފުރުމަށްފަހުވެސް ދެމިތިބުމަށް އެދޭ ފަރާތްތަކަށާއި، ވަޒީފާއިން މުސްކުޅިކޮށްފައިވާ ފަރާތްތަކަށް އަލުން ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ހުޅުވާލައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ބުނީ، ރީ-އެމްޕްލޯއިމަންޓް ގާނޫނާއި ސިވިލް ސަރވިސް ރީ-އެމްޕްލޯއިމަންޓް ގަވާއިދުގެ ދަށުން، އުމުރުން 65 އަހަރު ފުރުމަށްފަހުވެސް ވަޒީފާގައި ދެމިތިބުމަށް އެދޭ މުވައްޒަފުންނަށް މިއަދުން ފެށިގެން އެކަމަށް އެދި ހުށަހެޅޭނެ ކަމަށެވެ. މީގެއިތުރުން، ސިވިލް ސަރވިސްގެ ވަޒީފާއެއް އަދާކުރަމުންދިޔަ ފަރާތްތަކުގެ ތެރެއިން 7 ފެބުރުވަރީ 2019 އިން ފެށިގެން 7 އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި އުމުރުން 65 އަހަރު ފުރުމުގެ ސަބަބުން ވަޒީފާއިން މުސްކުޅިކޮށް، ވަކިވެފައިވާ ފަރާތްތަކަށް ވެސް އަލުން ވަޒީފާއަށް އެދި ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

މި އުސޫލުގެ ދަށުން ވަޒީފާއަށް އަލުން ކުރިމަތިލެވޭނެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ:

1.ވަޒީފާ އަދާކުރެވޭ ފަދަ ސިއްހީ ހާލަތެއްގައި ހުރި މީހަކަށް ވުން.

2.ވަޒީފާއިން މުސްކުޅިކުރެވިފައިވާ ފަރާތެއް ނަމަ، އުމުރުން 75 އަހަރު ފުރުމާ ދޭތެރޭގައި މަދުވެގެން 13 މަސްދުވަސް އޮތް ފަރާތަކަށް ވުން.

3.ވަޒީފާ އަދާކުރި އިދާރާގެ އޮނިގަނޑުގައި ޝަރުތު ހަމަވާ ހުސް ވަޒީފާއެއް އޮތުން.

4.ވަޒީފާއަށް އެދޭ ފަރާތަކީ ކުރިމަތިލާ މަގާމުގެ ޝަރުތު ހަމަވާ ފަރާތަކަށް ވުން.

ކޮމިޝަނުން އިތުރަށް ބުނީ، ވަޒީފާގައި ދެމިތިބެން އެދޭ މުވައްޒަފުން، އުމުރުން 65 އަހަރު ފުރުމުގެ 6 މަސްދުވަސް ކުރިން، އެ ކަމަށް އެދި އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އިދާރާއަށް ލިޔުމުން ހުށަހަޅަންޖެހޭނެ ކަމަށެވެ. ނަމަވެސް، ރީ-އެމްޕްލޯއިމަންޓް ގަވާއިދަށް އަމަލުކުރަން ފެށި ތާރީހު ކަމަށްވާ 21 އެޕްރީލް 2026 އިން ފެށިގެން، 65 އަހަރު ފުރުމާ ހަމައަށް 6 މަސްދުވަސް ނެތް ނަމަ، އެ ފަރާތަކުން 65 އަހަރު ފުރުމުގެ ކުރިން އެކަމަށް އެދި ވަޒީފާ އަދާކުރާ އިދާރާއަށް ހުށަހަޅަން ޖެހޭނެއެވެ.

ވަޒީފާ އަދާކުރި އިދާރާ އުވިފައިވާ ފަރާތްތަކާއި، ވަޒީފާ އަދާކުރި އިދާރާ ބަދަލުވެފައިވާ ފަރާތްތަކަށް ވަޒީފާ ދެއްވުން އެދި 24 ޖޫން 2026 ގެ ނިޔަލަށް ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅަން ޖެހޭނީ [email protected] މެދުވެރިކޮށްކަމަށެވެ.

މި ނިންމުމަކީ ތަޖުރިބާކާރު މުވައްޒަފުންގެ ހިދުމަތް ދައުލަތަށް އިތުރަށް ހޯދުމަށާއި، މަސައްކަތް ކުރެވޭ ފަދަ ދުޅަހެޔޮ ސިއްހަތެއްގައި ތިބި އުމުރުން ދުވަސްވީ މީހުންނަށް އާމްދަނީ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ނިންމި ނިންމުމެކެވެ.