ރާއްޖޭގެ މަސްވެރިކަން އިސްތިހާރުކޮށް، އެ ސިނާއަތަށް ކުރިއެރުން ހޯދުމަށް އުފައްދާފައިވާ މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ލިމިޓެޑް (އެމް.އެފް.އޯ.އާރ.އެމް.ޕީ.އެލް) ގެ މެނޭޖިން ޑިރެކްޓަރު (އެމް.ޑީ) ގެ މަގާމަށް ފުރަތަމަ ފަހަރަށް ބޭފުޅަކު އައްޔަންކޮށްފިއެވެ. މި މަގާމަށް އައްޔަންކުރައްވާފައިވަނީ އދ. މާމިގިލި، ޖަވާހިރުއައްސޭރި، މުހައްމަދު އިބްރާޙިމް އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ކުރި އިއުލާނެއްގައި ވަނީ އެ މަގާމަށް މުހައްމަދު އިބްރާޙިމް އައްޔަންކުރެއްވިކަން ހާމަކުރައްވައިފައެވެ.
މި ކުންފުނި އުފެއްދެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، މިދިޔަ އަހަރުގެ ފެބްރުއަރީ 4 ގައެވެ. ”މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ލިމިޓެޑް“ގެ ނަމުގައި، ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ، ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އެކުލެވިގެންވާ މި ކުންފުނި އުފެއްދެވީ، ކުންފުނީގެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
މި ކުންފުނި އުފެއްދެމުގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު އިތުރަށް ފުޅާކޮށް މުޖުތަމައަށް އެ ސިނާއަތުން ލިބިދޭ މަންފާ އިތުރުކުރުމަށްޓަކައި އެކުއަކަލްޗާ އާއި މެރިކަލްޗާ ފަދަ ކަނޑުފަޅުގެ އެންމެހާ ވަސީލަތްތަކުން އުފައްދާ އުފެއްދުންތައް ހިމެނޭ ގޮތުން، ރާއްޖޭގައި ކުރާ މަސްވެރިކަމުން އުފައްދާ އުފެއްދުންތައް ބައިނަލްއަގްވާމީ ބާޒާރުގައި އިޝްތިހާރުކޮށް ޕްރޮމޯޓްކުރުން ހިމެނެއެވެ. މީގެ އިތުރުން، އޭގެ ވިޔަފާރިން ލިބޭ މަންފާ އިތުރު ކުރުމަށްޓަކައި ރާއްޖޭގެ މަސްވެރިކަމަށް ޚާއްސަ ބްރޭންޑެއް ތައާރަފުކޮށް، ގައުމީ ބާޒާރާއި ބައިނަލްއަގްވާމީ ބާޒާރަށް ނެރުމާއި، ފެންވަރު ރަނގަޅު އަދި މަތީ އަގު ލިބޭ ތަފާތު ބާޒާރުތަކުގައި ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ހިއްސާ ހޯދުންވެސް ހިމެނެއެވެ.