ނޮވެމްބަރުން ފެށިގެން ދިވެހި ކުންފުނިތަކަށް 3.3 ބިލިއަން ރުފިޔާ ދައްކައިފި

ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުން ކޮންޓްރެކްޓަރުންނަށް ދައްކަން ޖެހިފައި ހުރި ޕެންޑިން ބިލުތަކަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން 3.3 ބިލިއަން ރުފިޔާ ދައްކާ ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުމާ އެއްގޮތްވާ ގޮތުގެ މަތިން، މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ގައުމުގެ މާލީ އަދި އިގްތިސާދީ ހާލަތާ ބެހޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި، މިދިޔަ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް، އެކި އެކި ދިވެހި ފަރާތްތަކަށާއި ލޯކަލް ވެންޑަރުންނަށް 3.3 ބިލިއަން ރުފިޔާ ވަނީ ދައްކާފަ އެވެ. ”އެއީ ރައްޔިތުން ކޮށްފައި ހުރި މަސައްކަތް. އެކިއެކި ކުންފުނިތައް ނޫނީ މިނިސްޓްރީ މެދުވެރިކޮށް ކޮށްފައި ހުރި މަސައްކަތަށް އަޅުގަނޑުމެން ދީފީމޭ 3،300 މިލިއަން ރުފިޔާގެ ބިލު،“ ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން، އެވްރެޖުކޮށް ކޮންމެ ހަފްތާއަކު 700 ވެންޑަރުންނަށް ފައިސާ ދައްކަމުންދާ ކަމަށާއި، މި މަހުގެ ބާކީ ދުވަސްތަކުގެ ތެރޭގައި އިތުރު 260 މިލިއަން ރުފިޔާ ދިވެހި ކުންފުނިތަކަށް ދެއްކޭނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ބޭރުގެ ދަރަނިތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވޭތުވެދިޔަ 21 ދުވަހުގެ ތެރޭގައި އެކަނިވެސް 924 މިލިއަން ޑޮލަރުގެ ދަރަނި ދައްކާފައިވާ ކަމަށެވެ. މީގެ ތެރޭގައި މި މަހުގެ ދެވަނަ ދުވަހު ދެއްކި 524 މިލިއަން ޑޮލަރުގެ ސްކޫކާއި، މި މަހުގެ 23 ވަނަ ދުވަހު ދެއްކި އިންޑިއާގެ ސްވެޕްގެ 400 މިލިއަން ޑޮލަރު ހިމެނެ އެވެ.
ރައީސް މުއިއްޒު ބަޔާންކުރެއްވި ގޮތުގައި، މި ހުރިހާ ދަރަންޏެއް ސަރުކާރުން އަދާކުރީ ގައުމުގެ އެއްވެސް ހަރުމުދަލެއް ވިއްކާނުލައި، އަދި ރައްޔިތުންނަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ގޮތަށެވެ. އަދި ގައުމު ޑިފޯލްޓަކަށް ދިޔަނުދީ ސަލާމަތްކުރެވުނުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މީގެ އިތުރުން، ކުރީ ސަރުކާރުން ނެގި ލޯނުތަކުގެ ސަބަބުން ރަހުނުކޮށްފައި ހުރި ތަންތަންވެސް މި ސަރުކާރުން މިހާރު ސަލާމަތްކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ މައިގަނޑު އަމާޒަކީ އިގްތިސާދު ހަމަ މަގަށް އަޅުވައި، އެތެރެއާއި ބޭރުގެ ދަރަނިތަކުން ރައްޔިތުން ސަލާމަތްކޮށް، ގައުމަށް ބޭނުންވާ ތަރައްގީއާއި އިޖުތިމާއީ ހަމަޖެހުން ގާއިމުކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.