ރާއްޖޭގެ އަށް ރަށެއްގެ މިސްކިތްތަކަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ހަދިޔާކުރާ މުޞްޙަފްތައް، ”އުންމީދު ޖަމިއްޔާ“ މެދުވެރިކޮށް ކައުންސިލްތަކަށް ޙަވާލުކުރުމަށް ވެވޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގައެވެ.
މި އެއްބަސްވުމުގެ ދަށުން ހއ. ހޯރަފުށި، ހދ. ނޮޅިވަރަންފަރު، ހދ. ހަނިމާދޫ، ނ. ހެނބަދޫ، ބ. މާޅޮސް، އއ. ތޮއްޑޫ، ގއ. ކަނޑުހުޅުދޫ އަދި އައްޑޫސިޓީގެ މިސްކިތްތަކަށް ގިނަ އަދަދެއްގެ މުޞްޙަފް ފޮތްތައް ފޯރުކޮށްދެވޭނެއެވެ.
މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ، މި ރަށްރަށުގެ މިސްކިތްތަކުގައި ޤުރުއާން ކިޔެވުމަށް ފަސޭހަ ކުރުމާއި، މިސްކިތްތަކުގައި މުޞްޙަފްގެ ދަތިކަމެއް ނެތި ފުދޭވަރަށް މުޞްޙަފް ހުރުން ކަށަވަރުކުރުމެވެ. މީގެ އިތުރުން ދީނީ ޢިލްމު އުނގަންނައިދިނުމާއި ޤުރުއާން ކިޔެވުމަށް އޮތް ފުރުސަތު އިތުރުކުރުމަށް ވެސް މި މަޝްރޫޢުގެ ސަބަބުން އެހީތެރިވެގެންދާނެއެވެ.

އިސްލާމީ ވުޒާރާއިން ވިދާޅުވީ، މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ ދީނީ ރޫޙު އާލާވެގެން ދާނެކަމަށެވެ. އަދި މުޞްޙަފްތައް ކައުންސިލްތަކާ ޙަވާލުކުރުމަށް ”އުންމީދު ޖަމިއްޔާ“ މެދުވެރިކޮށް މަސައްކަތް ކުރުމަކީ، ސަރުކާރާއި އާންމު ޖަމިއްޔާތައް ގުޅިގެން ދީނީ ޚިދުމަތްތައް ފުޅާކުރުމަށް ދެވޭ އިސްކަމެއްގެ ގޮތުގައި ފާހަގަކުރެއެވެ.
މި އެއްބަސްވުމުގެ ދަށުން، ކައުންސިލްތަކުން މި މުޞްޙަފްތައް އެ ރަށު މިސްކިތްތަކަށް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސާނެއެވެ. މިކަމުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް ދީނީ ހިދުމަތްތަކަށް ލުއިފަސޭހަކަމެއް ލިބި، ޤުރުއާން ކިޔެވުމުގެ މުހިންމުކަން އިތުރަށް އާލާވެގެން ދާނޭ ކަމަށް ބެލެވެއެވެ.