ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް، ސަރުކާރުގެ ކުންފުނިތަކުގެ އިސް މަޤާމުތަކެއް ކުރިން ފުރުއްވާފައިވާ މުޙައްމަދު އަފީފު ހުސެއިން މިއަދު އައްޔަނުކުރައްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކުރި ގޮތުގައި، ފެނަކަ ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އައްޔަނުކުރައްވާފައިވަނީ މއ. ވޭވްސައިޑް 304 ފްލެޓް، މުޙައްމަދު އަފީފު ހުސެއިންނެވެ.
އަފީފަކީ ސަރުކާރުގެ ކުންފުނިތައް ހިންގުމުގެ ދާއިރާގައި ބޮޑު ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ މީގެ ކުރިން ފެނަކަ ކޯޕަރޭޝަންގެ އިތުރުން، އެމްޓީސީސީ އަދި ސްޓެލްކޯގެ ޗެއާމަންގެ މަޤާމުވެސް ފުރުއްވާފައެވެ. މީގެ އިތުރުން ސަރުކާރުގެ ބައެއް މިނިސްޓްރީތަކުގެ އިސް މަޤާމުތަކުގައިވެސް އޭނާ ވަނީ ޚިދުމަތް ކުރައްވާފައެވެ.
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އާ ބޭފުޅަކު މި އައްޔަނުކުރެއްވީ، އެ މަޤާމުގައި އެންމެ ފަހުން ހުންނެވި މުޙައްމަދު ނަޖާޙް މި މަހުގެ ހަވަނަ ދުވަހު މަޤާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ. ނަޖާޙް އެ މަޤާމަށް އައްޔަނުކުރެއްވީ 23 ޑިސެމްބަރު 2024 ގައެވެ. އޭނާގެ ކުރިން އެ މަޤާމުގައި ހުންނެވި މުޙައްމަދު މުއާޒު ރަޝީދު ވަނީ 23 ޑިސެމްބަރު 2024 ގައި މަޤާމުން އިސްތިއުފާ ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިހާރު ގެންދަވަނީ ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ޚިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދިނުމަށްޓަކައި މުހިންމު އިޞްލާޙީ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. ކުންފުނިތަކުގެ އިސްވެރިންނަށް ގެންނަވަމުންދާ ބަދަލުތަކަކީވެސް ކުންފުނިތަކުގެ ހިންގުން ހަލުވިކޮށް، ރައްޔިތުންނަށް ދޭ ޚިދުމަތްތައް ރަނގަޅު ކުރުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.