ދުނިޔެއަށް އަންނަމުންދާ ކުރިއެރުމާއި، އީޖާދުތަކުން އިންސާނުންގެ ދިރިއުޅުމުގެ ކޮންމެ ދާއިރާއަކަށް ވެސް ވަނީ އައު ބަދަލުތަކެއް އައިސްފައެވެ. ވަކިން ޚާއްޞަކޮށް މުއާސަލާތީ ދުނިޔެއަށް އައިސްފައިވާ ބަދަލުތަކަކީ ހައިރާން ކުރުވަނިވި ބަދަލުތަކެކެވެ. އެއްޒަމާނެއްގައި ހިތުގެ އެންމެ ފުންމިނުން ލިޔެވިފައިވާ ސިޓީއެއްގެ އިންތިޒާރުގައި ދުވަސްތައް ގުނަމުންދިޔަ އިންސާނުން، މިއަދު މިވަނީ ހިލަ ކޮޅެއްހާ ކުޑަ ސުމާރޓް ފޯނަކުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނާ އަވަސް ވަގުތުން ގުޅާލެވޭ ފަދަ ޒަމާނަކާ ކުރިމަތިލާފައެވެ. މި ދަތުރަކީ ފަސޭހަތަކާއި ފައިދާތައް ގިނަ ދަތުރެއް ނަމަވެސް، އެއާއެކު އެތައް ގެއްލުންތަކަކާ ވެސް ކުރިމަތިލާންޖެހިފައިވާ ދަތުރެއްކަން ފާހަގަ ކުރެވެއެވެ.
އެންމެ ބޮޑު އެއް ފަސޭހައަކީ ހަމަ ކޮންމެ ވަގުތެއްގައި ވެސް ގުޅައިލެވޭނެކަމެވެ. އެއްޒަމާނެއްގައި މީހަކާ ގުޅައިލުމަށް ގިނަ މަސައްކަތްތަކަކާއި ގިނަ ވަގުތުތަކެއް ހޭދަ ކުރަންޖެހެއެވެ. ސިޓީއެއް ލިޔެ، އެ ސިޓީ ފޮނުވުމަށްފަހު ޖަވާބެއް ލިބޭނެ ވަގުތަކަށް އިންތިޒާރު ކުރަންޖެހެއެވެ. ނަމަވެސް މިއަދު އެހެނެއް ނޫނެވެ. ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރި މީހަކާ ވީޑިއޯ ކޯލަކުން ގުޅައިލެވޭނެއެވެ. އަޑު އިވޭގޮތަށް ވާހަކަ ދައްކައިލެވޭނެއެވެ. އަދި ހިތްފުރެންދެން މޫނުބައްދަލުކޮށް ވާހަކަ ދައްކައިލުމުގެ ފުރުސަތު ލިބިފައިވާނެއެވެ. މިއީ މުއާސަލާތީ ދުނިޔެއަށް އައި އެންމެ ބޮޑު އެއް ކުރިއެރުންކަމަށް ދުށުމަކީ ރަނގަޅު ގޮތެކެވެ.
ނަމަވެސް މި ކުރިއެރުމުގެ ތެރޭގައި ގެއްލިގެންދިޔަ ބައެއް ރީތި ކަންތައްތައް ވެސް ހުރިކަން ދިރިއުޅުމުން ފެންނަމުންދެއެވެ. ޚާއްސަކޮށް އާއިލާއާއި ރައްޓެހިންނާ ދުރުވުމުގެ މައްސަލައަކީ މިއަދު ދިރިއުޅުމުގައި އާންމުވެފައިވާ ކަމެކެވެ. އެއް ގޭގައި އުޅޭ މީހުން ވެސް ކޮންމެ މީހަކު އެމީހެއްގެ ފޯނުގައި އަވަދިނެތި އުޅެއެވެ. އާއިލީ ގުޅުންތަކާއި ރައްޓެހިކަމުގެ ގުޅުންތައް ދުވަހަކު ދުވަހަކަށް ބަލިކަށިވަމުންދާކަން މިއީ ގިނަބަޔަކު ގަބޫލުކުރާނެ ހަގީގަތެކެވެ. ކުރީގެ ޒަމާނުގައި އާއިލީ ގުޅުންތައް ވަރަށް ބަދަހިވެފައިވާއިރު، ރައްޓެހިންނާ އޮންނަ ގާތްކަމާއި ވަފާތެރިކަން ވެސް މާ ބޮޑެވެ. މިހާރުގެ ޒަމާނުގައި ސިޓީއެއް ފޮނުވައި، ޖަވާބެއް ލިބޭނެ ދުވަހަކަށް އިންތިޒާރުކުރާއިރު ހިތުގައި އުފެދޭނެ އަސަރުގަދަ ލޯތްބެއް ނުވަތަ ގާތްކަމެއް މިހާރުގެ ފޯނު ކޯލުތަކުން ނުވަތަ މެސެޖުތަކުން ނުފެނެއެވެ. ސިޓީއެއްގައި ލިޔެވޭ ކޮންމެ ބަހެއްގައި ވެސް އެ ބަސް ލިޔުނު މީހާގެ ހިތުގެ އަސަރުތައް ފެންނަމުންދެއެވެ. ނަމަވެސް ފޯނުތަކުން ކުރާ މުއާސަލާތްތަކުން މިފަދަ އަސަރުތައް ފެނުމަކީ ވަރަށް ނާދިރު ކަމެކެވެ.
މި ކުރިއެރުމާއެކު ނޭނގޭ ކިތަންމެ ނުރައްކާތަކަކާ ވެސް މިވަނީ ކުރިމަތިލާންޖެހިފައެވެ. ސައިބަރ ކުށްތަކާއި އިންޓަރނެޓް މެދުވެރިކޮށް ދިމާވާ ކިތަންމެ މައްސަލަތަކަކީ މި ކުރިއެރުމާއެކު އުފެދިފައިވާ މައްސަލަތަކެކެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގެ ވަބާއަކީ ޒުވާން އުމުރުގެ ކުދިންގެ މެދުގައި ވަރަށް ބޮޑަށް ފެތުރިފައިވާ ކަމެކެވެ. ފޯނުތަކާ ގަޔާވެ، އެފޯނުތަކަށް ފަރިތަވުމުގެ ސަބަބުން ކުދިންގެ ތައުލީމީ ކުރިއެރުމަށާއި ސިއްހަތަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރެއެވެ.
އެހެންކަމުން، ސިޓީއިން ސުމާރޓް ފޯނަށް ކުރި މި ދަތުރަކީ އެކި ގޮތްގޮތުން ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ދަތުރެކެވެ. އަވަސް މުއާސަލާތީ ނިޒާމެއް ގާއިމުވެ، ދުރުގައި ތިބި މީހުންނާ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ލިބުނު ނަމަވެސް، އޭގެ ހަގީގީ އަސަރާއި ލޯތްބާއި ގާތްކަން މިވަނީ ގެއްލިފައެވެ. އަދި ނޭނގޭ ކިތަންމެ ނުރައްކާތަކަކާ ވެސް ކުރިމަތިލާންޖެހިފައެވެ. މި ދަތުރުގެ ތެރެއިން، ކުރިއެރުންތަކުގެ ފައިދާ ނަގަމުން، އެއާއެކު އަންނަ ނުރައްކާތަކުން ރައްކާތެރިވެ، އާއިލީ ގުޅުންތަކާއި ރައްޓެހިކަމުގެ ގުޅުންތައް ދެމެހެއްޓުމަށް އަހަރެމެން މަސައްކަތްކުރަންޖެހެއެވެ. ހަގީގީ ގުޅުންތަކުގެ އަގު ވަޒަންކޮށް، މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގައި ހަމަބަހައްޓާ ބޭނުންތެރި ގޮތަކަށް ބޭނުންކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.