ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ތައުރީފު އެފްއޭއެމްގެ ރައީސް ޠާރިޤަށް

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަހުމަދު ޠާރިޤު، އެ މަޤާމުގައި ހުންނަވައިގެން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް ތައުރީފުކުރައްވައިފިއެވެ. މިކަން އިންފަންޓީނޯ ހާމަކުރެއްވީ، ރަސްމީ ދަޢުވަތަކަށް ދުނިޔޭގެ ޤައުމުތަކުގެ ފުޓްބޯޅަ އެސޯސިއޭޝަންތަކުގެ އިސްވެރިން ކުރައްވަމުންގެންދާ ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ޠާރިޤު އާއެކު ބޭއްވެވި ބައްދަލުވުމަށްފަހު، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ސްވިޒަލެންޑްގެ ޒިއުރިކްގައި ހުންނަ ފީފާގެ ހެޑްކުއާޓާޒްގައި ބޭއްވި މި ބައްދަލުވުމަށްފަހު ޠާރިޤު އާއެކު ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކުރައްވަމުން ފީފާގެ ރައީސް އިންފަންޓީނޯ ވިދާޅުވީ، ދިވެހިރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން ރައީސް ޠާރިޤުއާ ބައްދަލުކޮށްލުމުގެ ފުރުޞަތު ލިބުމުން ވަރަށް ބޮޑު އުފަލެއް ލިބިފައިވާ ކަމަށެވެ. އަދި، ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމުގެ ޕްލޭންތަކުގެ އިތުރުން، ފުޓްބޯޅަ އަށް ލޯބިކުރާ ގިނަބަޔަކު އުޅޭ އެ ޤައުމާ ފުޓްބޯޅައާ ދެމެދު އޮތް ގުޅުން ވަރުގަދަކުރުމަށް ކުރެވޭނެ ކަންކަމާ މެދު މަޝްވަރާކުރެވިފައިވާ ކަމަށް އިންފަންޓީނޯ ވިދާޅުވިއެވެ.
އިންފަންޓީނޯ އިތުރަށް ވިދާޅުވީ، ކުރީގެ ކުޅުންތެރިއެއްގެ ހައިސިއްޔަތުން، ރައީސް ޠާރިޤު، އެ މަޤާމަށް ގެންނަވަނީ ތަޖުރިބާ އާއި ފުރިހަމަ ވިސްނުމެއް ކަމަށެވެ. އަދި، މިދިޔަ ޖުލައި މަހުގައި އިންތިހާބުވި ފަހުން މިއަދާ ހަމައަށް ކަންކަން ހާސިލްކުރުމަށް ކެނޑިނޭޅި ބުރަ މަސައްކަތްތަކެއް ކުރައްވަމުންގެންދާ ކަމަށެވެ.
”މިދިޔަ ހަފްތާގައި ސައުތު އޭޝިއަން ސުޕަރ ކަޕް ކާމިޔާބުކޮށް ސީނިއާ ޤައުމީ ޓީމުން ހަތް އަހަރުގެ ތެރޭގައި ފުރަތަމަ ޓްރޮފީ ހޯދުމުންނާއި، އަންހެން ފުޓްބޯޅަ ކުރިއެރުވުމުގެ ގޮތުން މިއަހަރު ފަހުކޮޅު މުބާރާތެއް ބޭއްވުމަށް ރޭވިފައި އޮތުމުން ވެސް ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގާއި ކަންކަން ކުރިއަށްދަނީ އަހަރެމެން ބޭނުންވާ ގޮތަށްކަން ފެނިގެންދޭ.“ އިންފަންޓީނޯ ވިދާޅުވިއެވެ.
މިއީ އެފްއޭއެމްގެ ރައީސްގެ މަޤާމު ޠާރިޤު އަދާކުރައްވާ ދެވަނަ ފަހަރެވެ. މީގެކުރީން، އޭނާ ވަނީ 2016 ވަނަ އަހަރު ވެސް އެފްއޭއެމްގެ ރައީސްގެ މަގާމު ފުރުއްވާފައެވެ. މިފަހަރު އެ މަޤާމަށް އިންތިހާބުވުމާއެކު ޠާރިޤު އަންނަނީ އެ އެސޯސިއޭޝަން ނަގާ ކޮޅަށް ޖެހުމަށް އިދާރީ ގޮތުންނާއި، މާލީ ގޮތުން ރަނގަޅު ފިޔަވަޅުތަކެއް އަޅުއްވައި، ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
މީގެއިތުރުން، ރާއްޖޭގައި ގެއްލިފައިވާ ފުޓްބޯޅައިގެ ފޯރި އަތޮޅުތަކުގައި ދިރުވައި، މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބެހިގެންދާ ގޮތަށް އެ ކުޅިވަރަށް އޮތް ލޯތްބާއި، ބައިވެރިވުން އިތުރުކުރުމަށް މުހިއްމު މަސައްކަތްތަކެއް އެފްއޭއެމުން ވަނީ ފަށާފައެވެ.