ރަޝިޔާއަށް ބާރުގަދަ ބިންހެލުމެއް: އިންޑިއާ ކަނޑުގައި ސުނާމީއެއް ނުއުފެދޭނެކަމަށް މެޓުން ހާމަކޮށްފި

ރަޝިޔާގެ ކަމްޗަޓްކާ ސަރަޙައްދަށް މިއަދު އައި ބާރުގަދަ ބިން ހެލުމަކާ ގުޅިގެން ސުނާމީގެ އިންޒާރުތަކެއް ނެރެފައިވާއިރު، އިންޑިއާ ކަނޑުގައި ސުނާމީއެއް ނުއުފެދޭނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ. މެޓް އޮފީހުން މިކަން ހާމަކުރީ ރަޝިޔާއަށް ބާރުގަދަ ބިން ހެލުމެއް އައިސް ސުނާމީގެ އިންޒާރު ނެރުމާއި ގުޅިގެން، ރާއްޖެއަށް އޮތް ނުރައްކަލަކާމެދު އުފެދިފައިވާ ކަންބޮޑުވުންތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ.

މެޓް އޮފީހުން ދެއްވި މައުލޫމާތުގައިވާ ގޮތުން، ބިންހެލުން އައީ ރަޝިޔާގެ އައްސޭރި ކަމްޗަޓްކާއަށެވެ. މި ބިންހެލުމުގެ ބާރުމިން ރެކޯޑް ކުރެވިފައިވަނީ 7.6 މެގްނިޓިއުޑްގަ އެވެ.
މެޓް އޮފީހުން އިތުރަށް ބުނީ، މި ބިންހެލުން އައިސްފައިވަނީ ރާއްޖެއާ 9432 ކިލޯމީޓަރު ދުރު ސަރަހައްދަކަށް ކަމަށެވެ. އަދި މި ބިންހެލުމާއި ގުޅިގެން އިންޑިއާ ކަނޑުގެ ސަރަހައްދަށް ސުނާމީގެ ނުރައްކަލެއް ނެތް ކަމަށާއި، އެހެންކަމުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތްކަމަށް މެޓް އޮފީހުން ވަނީ ޔަގީންކަން ދީފަ އެވެ.
ނަމަވެސް، މި ބިންހެލުމާއި ގުޅިގެން ރަޝިޔާގެ ބައެއް ސަރަޙައްދުތަކަށް ވަނީ ސުނާމީ އިންޒާރު ނެރެފަ އެވެ. އަދި ކުއްލި ހާލަތުގައި ތިބުމަށް އެ ސަރަހައްދުތަކުގެ ރައްޔިތުންނަށް އިންޒާރު ކޮށްފައިވެ އެވެ.