2019 ވަނަ އަހަރު ނިއުޒީލެންޑުގެ ކްރައިސްޓްޗާޗްގެ ދެ މިސްކިތަކަށް ދިން ޓެރަރިސްޓު ހަމަލާގައި 51 މީހުން ޝަހީދުކޮށްލި ބްރެންޓަން ޓެރަންޓް، އޭނާގެ މައްޗަށް އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމް ބާތިލުކުރުމަށް ހުށަހެޅި މައްސަލަ ކޯޓް އޮފް އެޕީލްއިން ވަނީ ބޭރުކޮށްލާފައެވެ. ކޯޓުން ނިންމީ އޭނާ ކުށަށް އިއުތިރާފުވީ މަޖުބޫރުކަމެއް ނެތި ކަމަށާއި، ދިފާއުގައި ދެއްކި ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. މި ނިންމުމާއެކު އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމް ދެމިއޮންނާނެކަން ވަނީ ކަށަވަރުވެފައެވެ.
ނިއުޒީލެންޑުގެ ކްރައިސްޓްޗާޗްގެ ދެ މިސްކިތަކަށް 2019 ވަނަ އަހަރު ދިން ޓެރަރިސްޓު ހަމަލާގައި 51 މީހުން ޝަހީދުކޮށްލި ބްރެންޓަން ޓެރަންޓް، އޭނާގެ މައްޗަށް އިއްވާފައިވާ ކުށުގެ ދައުވާތަކާއި ހުކުމް ބާތިލުކުރުމަށް ހުށަހެޅި އިސްތިއުނާފުގެ މައްސަލަ ނިއުޒީލެންޑުގެ ކޯޓް އޮފް އެޕީލްއިން މިއަދު ބޭރުކޮށްލައިފިއެވެ.އުމުރުން 35 އަހަރުގެ ޓެރަންޓް މިހާރު ތަންފީޒުކުރަމުން ދަނީ، މައާފު ނުކުރެވޭ ގޮތަށް ކޮށްފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ. އޭނާ މި ހުކުމް ތަންފީޒުކުރަމުން ދަނީ މާރިޗު 2019 ގައި ދިން ހަމަލާގައި މީހުން މެރުމާއި އިތުރު 40 މީހަކު މަރާލަން އުޅުމުގެ ކުށަށް އިއުތިރާފުވުމާ ގުޅިގެންނެވެ.
ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލަން ނިންމަވައި، މައްސަލަ ބެއްލެވި ފަނޑިޔާރުން ވިދާޅުވީ މިއީ އެއްވެސް އަސާސެއް ނެތް މައްސަލައެއް ކަމަށެވެ. މި މައްސަލަ އޭނާ ކޯޓަށް ހުށަހަޅާފައިވަނީ ގާނޫނީ މުއްދަތު ހަމަވިތާ 505 ދުވަސް ފަހުންކަންވެސް ކޯޓުން ވަނީ ފާހަގަކޮށްފައެވެ.
މިދިޔަ ފެބްރުއަރީ މަހު ކުރިއަށްދިޔަ އިސްތިއުނާފު އަޑުއެހުންތަކުގައި ޓެރަންޓްގެ ފަރާތުން ވަނީ، އޭނާ ކުށަށް އިއުތިރާފުވީ އޯކްލޭންޑް ޖަލުގައި އޭނާއާ މެދު އަމަލުކުރަމުންދިޔަ ”ލާއިންސާނީ އަދި އަނިޔާވެރި“ ގޮތްތަކުގެ ސަބަބުން ސިކުނޑީގެ ހަމަޖެހުން ގެއްލިފައިވާ ހާލަތެއްގައި ކަމަށް ބުނެފައެވެ.
ނަމަވެސް، ޖަސްޓިސް ކްރިސްޓީން ފްރެންޗް، ސޫޒަން ތޯމަސް އަދި ޑޭވިޑް ކޮލިންސް ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރުންގެ ބެންޗުން ނިންމެވި ނިންމެވުމުގައި ވިދާޅުވެފައިވަނީ އޭނާގެ ދިފާއުގައި ދައްކާފައިވާ ވާހަކަތަކަކީ ގަބޫލުކުރެވޭނެ ވާހަކަތަކެއް ނޫން ކަމަށެވެ. ފަނޑިޔާރުން ފާހަގަކުރެއްވި ގޮތުގައި ޓެރަންޓްގެ ވާހަކަތަކުގައި ފުށުއެރުންތަކެއް ހުއްޓެވެ. އަދި ޖަލުގެ ރެކޯޑުތަކާއި ނަފްސާނީ ސިއްހަތުގެ ރިޕޯޓުތަކުން އޭނާގެ ވާހަކަތަކަށް ބާރުނުލިބޭ ކަމަށް ފަނޑިޔާރުން ވިދާޅުވިއެވެ.
ކޯޓުން ވަނީ، އޭނާ ކުށަށް އިއުތިރާފުވީ އެއްވެސް މަޖުބޫރުކަމެއް ނުވަތަ ނުފޫޒެއް އޮވެގެން ނޫންކަމަށް ކަނޑައަޅާފައެވެ.