ޤައުމީ ޤުރުއާން މުބާރާތުގައި މިހާތަނަށް 87 ބައިވެރިން ކިޔަވައިފި: ޖުމުލަ 1036 ބައިވެރިން ވާދަކުރަނީ

މިމަހުގެ 18 ވަނަ ދުވަހު ފެށުނު ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި މިހާތަނަށް 87 ބައިވެރިން ކިޔަވާފައިވާކަމަށް، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވައިފިއެވެ. ކިންގް ސަލްމާން މިސްކިތުގައި ކުރިއަށްދާ މި މުބާރާތުގައި ޖުމުލަ 1036 ބައިވެރިން ވާދަކުރެއެވެ.
ވުޒާރާއިން ހާމަކުރައްވާ ގޮތުގައި، މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ބަލައިގެން ކިޔެވުމުގެ ގޮފިން 44 ބައިވެރިންނާއި، ނުބަލާ ކިޔެވުމުގެ ގޮފިން 43 ބައިވެރިން ވަނީ ކިޔަވާފައެވެ. މުބާރާތުގެ ޖުމުލަ ބައިވެރިންގެ ތެރެއިން، ބަލައިގެން ކިޔެވުމުގެ ގޮފީގައި 582 ބައިވެރިންނާއި، ނުބަލާ ކިޔެވުމުގެ ގޮފީގައި 423 ބައިވެރިންނާއި، އަދި ޙާފިޒުންގެ ގޮފީގައި 31 ޙާފިޒުން ވާދަކުރެއެވެ.
މުބާރާތް ކުރިއަށްދާ ކިންގް ސަލްމާން މިސްކިތުގައި، ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުންތައް ކުރިއަށްދަނީ މިސްކިތުގެ 4 ވަނަ ފަންގިފިލާގެ އޮޑިޓޯރިއަމްގައެވެ. ނުބަލާ ކިޔެވުމުގެ ގޮފީގެ ކިޔެވުންތައް ކުރިއަށްދަނީ މިސްކިތުގެ 5 ވަނަ ފަންގިފިލާގެ މަލްޓިޕާޕަސް ހޯލުގައެވެ.
މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ކޮންމެ ބަޔަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މުޅި މުބާރާތުން ވެސް އެ ވަނަތައް ހޮވާނެއެވެ. ޤުރުއާނަށް ލޯބިޖެއްސުމާއި ކިޔެވުން އިތުރުކުރުމުގެ މަޤްޞަދުގައި ބާއްވާ މި މުބާރާތުގެ ކޮންމެ ބަޔަކުން ވެސް އެއްވަނަ ބައިވެރިޔަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިނާމް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.