ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ގަތަރަށް ކަނޑައަޅާާ ރާއްޖޭގެ ސަފީރުންގެ ގޮތުގައި ކުރީގެ ދެ ވަޒީރުން ކަމަށްވާ ތޯރިގް އިބްރާހިމް އާއި އާދަމް ޝަރީފް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ސިޓީފުޅު އިއްވަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ، ޔޫއޭއީގެ ސަފީރުކަމަށް ކުރީގެ ތިމާވެށްޓާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް އަދި ގަތަރުގެ ސަފީރުކަމަށް ކުރީގެ ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އައްޔަންކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް އެދިވަޑައިގެންފައެވެ. މި ދެ ބޭފުޅުން މިހާރު ތިއްބެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމުގައެވެ.
މަޖިލީހުގެ ރިޔާސަތުން ވަނީ މި ދެ ބޭފުޅުންގެ ނަންތައް އިތުރަށް ދިރާސާކުރުމަށްޓަކައި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފައެވެ.
ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ހުސައިން ޝަރީފް (މުންދު) މިދިޔަ އޭޕްރީލް މަހު އެ މަގާމުން ވަކިކުރައްވައި، ސަރުކާރުގެ އިސް ތަރުޖަމާނުގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.
ގަތަރަށް ރާއްޖޭގެ ފަރާތުން ސަފީރަކު އައްޔަންކުރުމަކީ ހާރިޖީ ގުޅުންތަކުގެ ތެރެއިން އަލަށް ކުރެވޭ ކަމެކެވެ. ރައީސް މުއިއްޒުގެ ސަރުކާރުން ގަތަރުގައި ރާއްޖޭގެ އެމްބަސީއެއް އުފެއްދެވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހުއެވެ. ނަމަވެސް، މިހާތަނަށް އެ ގައުމަށް ރާއްޖެއިން ސަފީރަކު ކަނޑައަޅުއްވާފައެއް ނުވެއެވެ.
މި ދެ ބޭފުޅުންނަކީވެސް ސަރުކާރުގެ މުހިންމު މަގާމުތަކެއް ފުރުއްވާފައިވާ، ތަޖުރިބާކާރު ބޭފުޅުންކަން ފާހަގަކުރެވެއެވެ. މަޖިލީހުގެ ކޮމިޓީން މި ނަންތައް ދިރާސާކުރުމަށްފަހު، ކުރިއަށް އޮތް ދުވަސްތަކުގައި ގޮތެއް ނިންމާނެ ކަމަށް ބެލެވެއެވެ.