ގަވާއިދާ ހިލާފަށް އެތެރެކޮށް ވިއްކަމުންދިޔަ ގިނަ އަދަދެއްގެ ސިނގިރޭޓް ފުލުހުން އަތުލައިގަނެފި

ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކޮށް، ރާއްޖޭގައި ވިއްކަމުންދިޔަ ގިނަ އަދަދެއްގެ ސިނގިރޭޓްތަކެއް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި ތަކެތި ހޯދާފައިވަނީ އެކި ބްރޭންޑްތަކުގެ ސިނގިރޭޓް ގަވާއިދާ ހިލާފަށް އެތެރެކޮށް ވިއްކާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
މި ހިނގާ މެއި މަހުގެ 13 ވީ ހޯމަ ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަންގައި ފުލުހުން ވަނީ މާލޭގެ ގަލޮޅު އަވަށުގެ ގެއަކާއި، ހުޅުމާލެ ފޭސް 2 ގައި ހުންނަ އަމާން ދޯދި އެޕާޓްމަންޓްގެ އިތުރުން ވޭންއެއް ބަލައި ފާސްކޮށްފައެވެ. މި ފާސްކުރުންތަކުގެ ތެރެއިން 18 ކޭސް ދުންފަތާއި 75 ކާޓޫނު ސިނގިރޭޓް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައިގައި ސިނގިރޭޓް އުފުލުމަށް ބޭނުންކުރި ވޭން ފުލުހުން މިހާރު ވަނީ ޓޯކޮށްފައެވެ. ނަމަވެސް، މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، ގަވާއިދާ ހިލާފަށް ރާއްޖެއަށް ތަކެތި އެތެރެކޮށް ވިޔަފާރިކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގައި ފުލުހުން ދަނީ ހާއްސަ ސަމާލުކަމެއް ދެމުންނެވެ.