ފުވައްމުލައް ސިޓީގައި ޒަމާނީ ފެންވަރުގެ ސްކޭޓް ޕާކެއް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢެއް، ރާއްޖޭގެ އެންމެ ބޮޑު ކޮންޓްރެކްޓިން ކުންފުނި ކަމަށްވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ރަސްމީކޮށް ހަވާލުކޮށްފި އެވެ. މި މަޝްރޫޢު ހަވާލުކުރުމުގެ ރަސްމިއްޔާތު މިހާ ފަހުން ވަނީ ބޭއްވިފަ އެވެ.
މިއީ ރާއްޖޭގެ ޒުވާނުންނަށް ކުޅިވަރުގެ ފުރުޞަތުތައް އިތުރުކޮށް، އެކި ކުޅިވަރުތަކަށް ފަހި މާހައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. ޒުވާނުންގެ ހުނަރުތައް ދައްކާލުމުގެ ފުރުސަތުތައް ފުޅާކުރުމަށް ސަރުކާރުން ދެއްވާ އިސްކަން މިކަމުން ދައްކުވައިދެއެވެ. މިފަދަ ޒުވާނުންނާ ގުޅުންހުރި މަޝްރޫޢުތަކަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް އިސްކަން ދެއްވައިގެން ކުރިއަށް ގެންދަވާ މަޝްރޫޢުތަކެކެވެ.
މި މަޝްރޫޢުގެ ދަށުން ފުވައްމުލަކުގައި 8,000 އަކަފޫޓުގެ ބޮޑު ސަރަހައްދެއްގައި ސްކޭޓް ޕާކް ތަރައްޤީކުރެވޭނެއެވެ. މި މަޝްރޫޢަކީ 1.39 މިލިއަން ރުފިޔާގެ ބަޖެޓެއްގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ. އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވާ ގޮތުން، މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 150 ދުވަހެވެ. މި މުއްދަތުގެ ތެރޭގައި މަޝްރޫޢު ނިންމައި ފުވައްމުލަކުގެ ޒުވާނުންނަށް މި ވަސީލަތް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.