މާވަށުގައި ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފި.

މީހުން ދިރިއުޅޭ ރަށްރަށުގައި ކީރިތި ޤުރްއާން އުނގަންނައިދޭ މަރުކަޒުތައް ޤާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ ޚާއްޞަ މަޝްރޫޢުގެ ދަށުން، ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ލ. މާވަށުގައި ރަސްމީކޮށް ހުޅުވައިފިއެވެ.
މާވަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ގޮފި ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނައިބު އަލްއުސްތާޛު ޢަބްދުލް ޣަފޫރު އަޙްމަދެވެ. މި ރަސްމިއްޔާތުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އިސްވެރިންނާއި، މާވަށު ކައުންސިލްގެ މެންބަރުންނާއި މުއައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ގޮފި ހުޅުވުމަށްފަހު، ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ވަފުދުން ވަނީ މާވަށު ކައުންސިލާއި، އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި، މަރުކަޒުގެ ގޮފި ހިންގުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މީގެއިތުރުން، އެ މަރުކަޒުގެ ހިފްޒު ކުލާހުގެ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިންނާވެސް މި ޓީމުން ވަނީ ބައްދަލުކޮށް، ކިޔެވުމުގެ ކަންކަން ކުރިއަށްދާ ގޮތް އޮޅުންފިލުވާފައެވެ.

މާވަށުގައި މިފަދަ ގޮތްޕެއް ޤާއިމުކުރުމަކީ، ޤުރްއާނުގެ ތަޢުލީމު ލާމަރުކަޒީކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ދަރިވަރުންނަށް އަމިއްލަ ރަށުގައި ތިބެގެން ކީރިތި ޤުރްއާން އުނގެނުމާއި، ކިޔެވުމާއި، އަދި ހިފްޡުކުރުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެކެވެ.
މުޅި ރާއްޖެއަށް މި ޚިދުމަތް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، މަރުކަޒުގެ އިތުރު 9 ގޮތްޕެއް މިހާރު ވަނީ ރަޖިސްޓްރީކޮށް ނިމިފައެވެ. އަދި އެ ތަންތަން ރަސްމީކޮށް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު، މި ގޮފިތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ހދ. ނޮޅިވަރަންފަރު، ހދ. ވައިކަރަދޫ، ރ. މަޑުއްވަރި، ރ. ރަސްމާދޫ، ރ. ހުޅުދުއްފާރު، ކ. މާފުށި، ފ. މަގޫދޫ، ގއ. ދާންދޫ އަދި ސ. ހިތަދޫގައެވެ. މީގެއިތުރުންވެސް، އިތުރު 12 ރަށެއްގައި މަރުކަޒުގެ ގޮފިތައް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް މިހާރު ދަނީ ހިނގަމުންނެވެ. އެ ރަށްތަކަކީ ހއ. އިހަވަންދޫ، ޝ. މަރޮށި، ރ. މާކުރަތު، ބ. ތުޅާދޫ، އއ. ފެރިދޫ، އއ. މާޅޮސް، ދ. މީދޫ، ތ. ވިލުފުށި، ލ. ކަލައިދޫ، ލ. ގަން، ގދ. ގައްދޫ އަދި ގއ. ކެންދޫހުޅުދޫއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްލާމީ ޢިލްމު ފުޅާކުރުމަށާއި، ކީރިތި ޤުރްއާން ހިފްޡުކުރުމަށް ހިތްވަރުދިނުމަށް ޚާއްޞަ އިސްކަމެއް ދެއްވައެވެ. މިގޮތުން، ޤައުމީ ޤުރްއާން މުބާރާތަކީ ދައުލަތުގެ ބަޖެޓުން ފުރިހަމައަށް ޚަރަދުކުރެވި، އެންމެ އަގުހުރި އިނާމުތައް ދެވޭ މުބާރާތުގެ ގޮތުގައި ވަނީ ކަނޑައަޅުއްވާފައެވެ. އަދި ޙާފިޡުންނަށް ދައުލަތުން ދެއްވާ ޢިނާޔަތް ދެގުނައަށް ބޮޑުކުރައްވައި، ޤުރްއާން ހިފްޡުކޮށް ނިންމަވާ ފަރާތްތަކަށް ޚާއްޞަ ދަސްވެނިވުމުގެ ރަސްމިއްޔާތެއް ބާއްވަވަން ވަނީ ފަށްޓަވާފައެވެ. މީގެއިތުރުން، މި ދާއިރާއަށް ދެމެހެއްޓެނިވި ގޮތެއްގައި މާލީ އެހީތެރިކަން ހޯދުމަށްޓަކައި، ކީރިތި ޤުރްއާނަށް ޚާއްޞަ ވަޤުފް މަޝްރޫޢުތަކެއް ފެށުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ.