އަންނަ ރޯދަ މަހު ކަރަންޓު ބިލަށް އަރާނީ އެންމެ ގިނަވެގެން 400 ރުފިޔާ: ރައީސް މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އަންނަ އަހަރުގެ ރޯދަ މަހު ޑޮމެސްޓިކް ރޭޓުން ބިލް ކުރާ ކޮންމެ ކަރަންޓު ބިލަކަށް އެންމެ ގިނަވެގެން ނަގާނީ 400 ރުފިޔާ ކަމަށް ވިދާޅުވެއްޖެ އެވެ. މިކަން ހާމަކުރެއްވީ އިއްޔެ ރޭ ޕީއެންސީން އާޓިފިޝަލް ބީޗުގައި ބޭއްވި އެ ޕާޓީގެ ބޮޑު ޖަލްސާއެއްގަ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ، ކޮންގްރެސް ޕާޓީން އާޓިފިޝަލް ބީޗުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާއަކީ މިހާތަނަށް ސިޔާސީ ޕާޓީއަކުން ބޭއްވި އެންމެ މީހުން ގިނަ ސިޔާސީ ހަރަކާތުގެ ގޮތުގައި ޕީއެންސީން ފާހަގަ ކުރާ ޖަލްސާއެކެވެ. ރޯދަ މަހަކީ ހަރަދު ބޮޑު މަހަކަށް ވާތީ، ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކޮށްދެއްވުމުގެ ގޮތުން ކަރަންޓު ބިލަށް ލުޔެއް ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، އަންނަ ރޯދަ މަހު ރައްޔިތުންނަށް މަސްދަޅު ކޭސް ބަހާނެ ކަމަށާއި އޭގެ އިތުރުން ކަރަންޓު ބިލަށް ނަގާ މިންވަރު ކުޑަކޮށްދެއްވާނެ ކަމަށެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވިއެވެ: ”ޑޮމެސްޓިކް ރޭޓުން ބިލް ކުރާ ކޮންމެ ބިލަކަށް އެންމެ ގިނަވެގެން މިއަންނަ ރަމަޟާން މަހު ނަގާނީ 400 ރުފިޔާ. ޑޮމެސްޓިކް ރޭޓުން ބިލް ކުރާ ކޮންމެ ބިލަކަށް ނަގާނީ، މިއަންނަ ރަމަޟާން މަހު، އެމަހުގެ ބިލަށް ނަގާނީ 400 ރުފިޔާ. އެންމެ ގިނަ ވެގެން.“

ރައީސް އިތުރަށް ވިދާޅުވީ، ކަރަންޓު ބިލަށް ބާކީ އަރާ މިންވަރަކީ ޑިސްކައުންޓް ކަމަށެވެ. މިއީ ރޯދަ މަހުގެ ހަރަދުތަކާ ގުޅިގެން ރައްޔިތުންނަށް ދިމާވާ މާލީ ބުރަ ކުޑަކޮށްދިނުމުގެ ގޮތުން ސަރުކާރުން އެޅުއްވި ފިޔަވަޅެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.