ރާއްޖޭގެ ސިޔާސީ މަސްރަޙް މިހާރު ހޫނުވެފައިވާ ދަނޑިވަޅެއްގައި، މެމްބަރ ޢިބްރާހީމް މުޙައްމަދު ވަނީ މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ދިވެހި މުޖުތަމަޢުގައި އެމްޑީޕީއާ ދެކޮޅަށް ހުރި ނަފްރަތާއި، ލާދީނިއްޔަތަށް ނިސްބަތްވާން ގިނަބަޔަކު ލަދުގަންނަކަން ފާހަގަކުރައްވާފައެވެ. އޭނާ މިކަން ހާމަކުރެއްވީ، ދިވެހި ތާރީޚްގައި މިހާތަނަށް އެއް ފިކުރެއްގައި އެއްތަނަކަށް އެއްވެ ބޭއްވި އެންމެ ބޮޑު ޖަލްސާއާ ގުޅިގެންނެވެ.

މެމްބަރ ޢިބްރާހީމް މުޙައްމަދު ވިދާޅުވީ، މިއަދު ދިވެހިމީހާގެ ވިސްނުންހުރީ އެމްޑީޕީއާ ފެއަށް ކަމަށެވެ. އެމްޑީޕީގެ ވެރިކަން ދިޔުމަށްފަހު، އެޕާޓީގެ ޚިޔާނާތްތެރި ވެރިންނާއި، އެބައިމީހުންގެ ޗަމްޗާގިރީ ދިވެހި ރައްޔިތުން ބޭނުންނުވާކަން ފެންނަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ޕީއެންސީއަށް ނުވަނަސް، މިފަދަ ޚިޔާނާތްތެރި ވެރިންގެ ޗަމްޗާގިރީ ދިވެހި ރައްޔިތުން ބޭނުންނުވާކަން، އިހަށްދުވަހު ބޭއްވުނު ބޮޑު ޖަލްސާއިން މާކުވެގެން ދިޔަ ކަމަށް މެމްބަރު ވިދާޅުވިއެވެ.

އޭނާގެ ވާހަކަފުޅުގައި އިތުރަށް ބާރުއަޅުއްވައި ވިދާޅުވީ، ދިވެހި ރައްޔިތުންނަކީ އިސްލާމީ އުޞޫލުތަކަށް ތަބާވާ ބަޔަކު ކަމަށާއި، ލާދީނިއްޔަތުގެ ފިކުރަކީ ދިވެހި މުޖުތަމަޢުން ބޭރުކުރަންޖެހޭ ފިކުރެއް ކަމަށެވެ. ”ގިނަބަޔަކު ލާދީނިއްޔަތަށް ނިސްބަތްވާން ލަދުގަނެ،“ މެމްބަރ ޢިބްރާހީމް މުޙައްމަދު ވިދާޅުވިއެވެ. މިކަމުން ދައްކައިދެނީ ދިވެހި ރައްޔިތުންގެ މެދުގައި ދީނީ އަގުތަކަށް ދެވޭ އިސްކަން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިކަން ފާހަގަ ކޮށްފައިވަނީ، ޕީ އެން ސީ ގެ ޓީމް އާއި އެކު މެމްބަރ އިބްރާހީމް މުޙައްމަދުގެ ވެސް ބުރަ މަސައްކަތުން ރާވާ ، އިންތިޒާމްކޮއްފައިވާ ދިވެހި ތާރީޚްގައި މިހާތަނަށް އެއް ފިކުރެއްގައި، އެއްތަނަކަށް އެންމެ ގިނަ ބަޔަކު އެއްވެ ބޭއްވި އެންމެ ބޮޑު ޖަލްސާ އަށް ނިސްބަތް ކޮށެވެ. މި ޖަލްސާގައި ބައިވެރިވި ގިނަ އަދަދެއްގެ ރައްޔިތުން ދައްކައިދިނީ، އެއް މަޤްޞަދަކަށްޓަކައި އެއްބައިވެފައިވާ ބަޔެއްގެ ވަރުގަދަ ނިންމުމެވެ. މިފަދަ ބޮޑު ޖަލްސާއެއް ބޭއްވުމުގެ މަޤްޞަދަކީ، ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް 2 އަހަރު ފުރުން ފާހަގަ ކުރުމާއި މި ވޭތުވެ ދިޔަ 2 އަހަރު ތެރޭގައި ހޯދުނު ކާމިޔާބީތައް ފާހަގަކޮށް އިތުރަށް ކުރަން ހުރި ކަންކަން ދިވެހި އެންމެހާ ރައްޔިތުންނާއި ހިއްސާ ކުރުމެވެ.