ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ކެބިން ކްރޫއިން ހޯދަން ވޯކް-އިން އިންޓަވިއުއެއް ބާއްވަން ނިންމައިފިއެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން ބުނީ ވޯކް-އިން އިންޓަވިއު ކުރިއަށްގެންދާނީ އަންނަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު، އެސްޓީއޯ ޓްރެއިނިން ސެންޓަރުގެ ހަތަރުވަނަ ފަންގިފިލާގައި ކަމަށެވެ. އަދި އިންޓަވިއު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އެދުވަހުގެ ހެނދުނު 9:30 އިން މެންދުރުފަހު 14:30 އަށް ކަމަށް އައިއޭއެސްއެލް އިން ބުންޏެވެ.
މޯލްޑިވިއަންގެ ކެބިން ކްރޫއަކަށް ކުރިމަތިލެވޭނީ 18 އަހަރާއި 35 އަހަރާއި ދެމެދުގެ ފަރާތްތަކަށް ކަމަށް އައިއޭއެސްއެލް ބުންޏެވެ. އަދި އަންހެނެއް ކަމަށް އިސްކޮޅުގައި ފަސް ފޫޓާއި ދެ އިންޗި ހުންނަން ޖެހޭނެ ކަމަށާއި، ފިރިހެނެއް ނަމަ އިސްކޮޅުގައި ފަސް ފޫޓާއި ހަތަރު އިންޗި ހުންނަން ޖެހޭނެކަމަށް އައިއޭއެސްއެލް އިން ބުންޏެވެ.
މި ވަޒީފާއާ ގުޅޭ އިތުރު މައުލޫމާތު، އައިއޭއެސްއެލްގެ ނަންބަރު 3331268 ނުވަތަ 3331292 އަށް ގުޅައިގެން ސާފުކުރެވޭނެ ކަމަށް އައިއޭއެސްއެލް އިން ބުނެފައިވެއެވެ.