ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފުންނަށް މި އަހަރުގެ ބޯނަސްގެ ގޮތުގައި ދޭނެ އެންމެ ބޮޑު އަދަދަކީ 18،600ރ. ކަމަށް ކަނޑައަޅައި، އެ ފައިސާ ދޫކުރަން ރޭ ފަށާފައިވާކަމަށް އެޗްޑީސީން މައުލޫމާތުދީފިއެވެ. މި ނިންމުމާއެކު، މުވައްޒަފުންނަށް ލިބޭނެ އެންމެ ގިނަ ބޯނަހުގެ އަދަދު ވަނީ ފާއިތުވި އަހަރަށްވުރެ އިތުރުވެފައެވެ.
އެޗްޑީސީގެ އޮފިޝަލަކު މައުލޫމާތު ދެއްވަމުން ވިދާޅުވީ، އަހަރީ ބޯނަހުގެ ފައިސާ ދޫކުރަނީ ކުންފުނީގެ ބޯޑުން ފާސްކޮށް، ފިނޭންސް މިނިސްޓްރީގެ ހުއްދައާއެކުގައި ކަމަށެވެ. މިއަހަރު މުވައްޒަފުންނަށް ދެވޭނެ އެންމެ ގިނަ އަދަދަކީ 18،600ރ. ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެ އޮފިޝަލު އިތުރަށް ވިދާޅުވީ، ބޯނަސް ދޫކުރަނީ މިއަހަރުގެ ތެރޭގައި އެ މުވައްޒަފު ހިދުމަތްކުރި މުއްދަތަށް ބެލުމަށްފަހުގައި ކަމަށެވެ. އެހެންކަމުން، ކޮންމެ މުވައްޒަފަކަށްވެސް ލިބޭނެ އަދަދު ތަފާތު ވާނެއެވެ.
މިދިޔަ އަހަރު އެޗްޑީސީ މުވައްޒަފުންނަށް ބޯނަހުގެ ގޮތުގައި އެންމެ ބޮޑު އަދަދަކަށް ދީފައި ވަނީ 10،000ރ. އެވެ. މި އަހަރުގެ ބޯނަހުގެ އަދަދު އިތުރުވުމަކީ މުވައްޒަފުންގެ ހިތްވަރަށް ހެޔޮ ބަދަލެއް ގެނުވާނެ ކަމެއް ކަމުގައި ބެލެވެއެވެ.