ދިވެހި ޙައްޖާޖީންނަށް ދޭ އެހީތެރިކަން ހަރުދަނާކުރުމާއި ތަޢުލީމީ ފުރުޞަތުތައް ފުޅާކުރުމާ ގުޅޭގޮތުން އިސްލާމީ ވަޒީރާއި ޖިއްދާގެ ކޮންސުލް ޖެނެރަލް މަޝްވަރާކުރައްވައިފި.

ސަޢޫދީ ޢަރަބިއްޔާއަށް ޙައްޖާއި ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށްދާ ދިވެހި ޙައްޖާޖީންނަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރަށް ހަރުދަނާ ކުރުމަށާއި، އިސްލާމީ ތަޢުލީމާއި ފަންނީ ތަރައްޤީގެ ދާއިރާއިން ދިވެހިންނަށް އިތުރު ފުރުޞަތުތައް ފަހިކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ހުންނަވާ ދިވެހިރާއްޖޭގެ ކޮންސުލް ޖެނެރަލް އަލްފާޟިލާ ބަދޫރާ ސަޢީދު، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ. މި ބައްދަލުކުރެއްވުން އޮތީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ކޮންސުލް ޖެނެރަލް ބަދޫރާ ސަޢީދަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައި، ޖިއްދާގެ ކޮންސުލް ޖެނެރަލްގެ މަޤާމާ އަލަށް ޙަވާލުވެވަޑައިގަތުމާ ގުޅިގެން ތަހުނިޔާ ވިދާޅުވެފައެވެ. އަދި އެކަމަނާގެ ޚާރިޖީ ޚިދުމަތުގައި ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ، މާތްވެގެންވާ ދެ ޙަރަމްފުޅު ހިމެނޭ ސަޢޫދީ ޢަރަބިއްޔާއަށް ޙައްޖާއި ޢުމުރާއަށްދާ ދިވެހި ރައްޔިތުންނަށް ކޮންސިއުލަރ މެދުވެރިކޮށް ދެވޭ އެހީތެރިކަން މިހާރަށްވުރެ ހަރުދަނާކުރުމަށްޓަކައި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ޖިއްދާގައި ހުންނަ ދިވެހި ކޮންސިއުލޭޓާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ވަކިން ޚާއްޞަކޮށް، އެ ޤައުމުގައި ހޭދަކުރާ ދުވަސްވަރު އެކި ސަބަބުތަކާހުރެ އެހީތެރިކަމަށް ބޭނުންވާ ޙައްޖާޖީންނަށް ކޮންސިއުލޭޓުގެ ފަރާތުން މެދުކެނޑުމެއްނެތި ފުރިހަމަ އެއްބާރުލުން ދެއްވުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.
މީގެއިތުރުން، އިސްލާމީ ތަޢުލީމީ ދާއިރާއިން ދިވެހިންނަށް ފުރުޞަތުތައް ތަނަވަސްކޮށްދިނުމުގެ ގޮތުން، ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު ޔުނިވަރސިޓީތަކާއެކު އޮންނަ ތަޢުލީމީ އެއްބާރުލުން ފުޅާކުރުމާ ބެހޭގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. މިގޮތުން ދިވެހިރާއްޖޭގެ މިސްކިތްތަކުގެ އިމާމުންނާއި، ޢިލްމު އުނގެނޭ ދަރިވަރުންގެ ޢިލްމީ ފެންވަރު މަތިކުރުމަށާއި، ޢަރަބި ބަހުގެ ޤާބިލުކަން އިތުރުކުރުމުގެ އިތުރުން ފަންނީ ކުޅަދާނަކަން އިތުރުކުރުމަށްޓަކައި މަތީ ތަޢުލީމުގެ ސްކޮލަރޝިޕްގެ ފުރުޞަތުތަކާއި ކުރު މުއްދަތުގެ ޚާއްޞަ ތަމްރީނު ޕްރޮގްރާމްތައް ހޯދުމަށް ސަޢޫދީ ޔުނިވަރސިޓީތަކާއެކު ކުރެވޭ މަޝްވަރާތަކުގައި ކޮންސިއުލޭޓުގެ އެހީތެރިކަމާއި އެއްބާރުލުމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.